ކޯވިޑް-19

އިތުރު 170 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 170 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ. މިއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 75،300އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 170 މީހުންނެވެ.

މީގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 78 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 7 މީހަކާއި، ލިވަބޯޑަކުން އެކެއްގެ އިތުރުން ހަދަމުންދާ ރަށްރަށުން ޕޮޒިޓިވްވި 60 މީހުންނާއި، ސިނާޢީ މަސައްކަތް ކުރާ ރަށްރަށުން 5 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 75،332އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައްވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސްވަނީ ދަށްވެފައެވެ. މިއާއެކު މިބައްޔަށް މިވަގުތު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސް ވަނީ އުޅެނީ 3000އިން ދަށުގައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2،537 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 130 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 72،569އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6،750 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ވަނީ ނިޔާވެފައެވެ.