ކޯވިޑް-19

ދިރާގުން ހެލްތު މިނިސްޓްރީއަށް 60 ޓެބްލެޓް ހަދިޔާކޮށްފި


ދިރާގުން ސެމްސަންގްއާ ގުޅިގެން ހެލްތު މިނިސްޓްރީއާއި އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 60 ޓެބްލެޓް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީއަށް މި 60 ސަމްސަންގ ގެލެކްސީ ޓެބްލެޓް ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި ވަރޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. އެގޮތުން މި ޓެބްލެޓްތައް ހެލްތު މިނިސްޓްރީއާއި ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢިލް ރަޝީދާއި ސެމްސަންގް ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު، ކެވިން ސަންގްސޫއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މި ޓެބްލެޓްތަކާ ހަވާލުވެލެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ.

މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން، ވަކިން ޚާއްސަކޮށް ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކުރިއަށްދާ ކޯވިޑް-19ގެ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުންނާއި، ކޯވިޑް ޕެންޑެމިކް ކޮންޓްރޯލްކުރުމުގައި ޑިޖިޓަލް ވަސީލަތްތަކަށް ބޭނުންޖެހިފައިވާ މިންވަރު އިތުރުވެފައިވާތީ، އެކަމަށް އެހީތެރިވުމުގެގޮތުން ހަދިޔާކުރި ތަކެތިކަމަށް ދިރާގުން ވިދާޅުވެއެވެ.

ޓެބްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ނަސީމް ވަނީ، ޓެބްލެޓްތައް ހަދިޔާކުރެއްވީތީ، ދިރާގާއި ސެމްސަންގަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯވިޑާއެކު ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ޙާލަތުގައިވެސް މުޖުތަމަޢަށް ތަފާތެއް ގެނައުމަށް އެފަރާތްތަކުން ކުރާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ރަޝީދު ވަނީ ކޯވިޑް ފެތުރުން ކޮންޓްރޯލްކޮށް މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށްޓަކާ ޞިއްޙީ ޚިދުމަތްތެރިން ރެއާދުވާލު ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިނިސްޓްރީއަށް ހަދިޔާކުރި ޓެބްލެޓްތަކުގެ ސަބަބުން ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށްވެސް އިތުރު އެހީއަކަށްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ސެމްސަންގް ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު، ކެވިން ސަންގްސޫ ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ދިރާގާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި ކޯވިޑް މެނޭޖްކުރުމަށް ރާއްޖޭގެ އިދާރާތަކުން ކުރާ މަސައްކަތްތަކަށް އެކުންފުނިން ހަދިޔާކުރި ޓެބްލެޓްތަކުގެ ސަބަބުން ހެޔޮ އަސަރުތަކެއްކުރާނެކަމަށް އުއްމީދުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.