ކޯވިޑް-19

ޞިއްޙީ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނު ޑަބްލިޔު.އެޗް.އޯއިން ހަދިޔާކޮށްފި


11 ޖީން އެކްސްޕާޓް މެޝިނާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ ބައެއް ތަކެތި ޑަބްލިޔު.އެޗް.އޯއިން ހަދިޔާކޮށްފިއެވެ. މިއީ ދިވެހިރާއްޖެއިން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި، ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުން ހަދިޔާކޮށްފައިވާ ތަކެތިކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މިތަކެތި މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ.ނާޒްނީން އަންވަރެވެ. އަދި ރާއްޖޭގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކުރެއްވި ތަކެތީގެ ތެރޭގައި ކޯވިޑް-19އާ ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިންއާއި، 10 އޮޓޯކްލޭވް، އަދި ކޯވިޑް-19 އާއި ގުޅިގެން ޙަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް 6 މޮޓޯސައިކަލް ހިމެނެއެވެ. މީގެ އިތުރުންވެސް ކޯވިޑް ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި، ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓް ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހަދިޔާކުރި 11 ޖީން އެކްސްޕާޓް މެޝިންއާއިއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޯވިޑަށް ޓެސްޓްކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންކުރާތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުންވެސް ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާއްޞަކޮށް މިބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިނާއި، ޓެސްޓް ކިޓްތަކުގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ. އަދި އިމަރޖެންސީ ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ އާލާތްތަކާއި ބޭސްވެސް އެޖަމިއްޔާއިން މީގެ ކުރިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.