މުނިފޫހިފިލުވުން

ހުވަދޫ ބަހަށް އޮތް ލޯތްބާއެކު, ޝަޒީލާ ދޫކޮށްލަނީ ޢިބުރަތްތެރި މެސެޖުތަކެއް


ޓިކްޓޮކްއަކީ މިހާރު ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. ދިވެހިންގެ ތެރޭގައިވެސް މި އެޕް ބޭނުންކުރާ ގިނަ ބަޔަކު އުޅޭއިރު، ވީޑިއޯއެއް އަޕްލޯޑްނުކުރިއެއްކަމަކު މަޝްހޫރު ފަންނާނުންގެ ޓިކްޓޮކްތަކާއި ހެއްވާ މަޖާ ވީޑިއޯތައް ބަލާލުމަށްވެސް ގިނަ ބަޔަކު އެކައުންޓް ހަދައިގެން މި އެޕް ބޭނުންކުރާކަން ފާހަގަކުރެވެއެވެ.

ނެށުމާއި، މޮޑެލްކުރުމާއި، އެކްޓްކުރުމުގެ ހުނަރު ދައްކާލުމަށް އެންމެ ގިނަ ޒުވާނުން ބޭނުންކުރާ އެޕަކީ މިހާރު ޓިކްޓޮކޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. އެއިރެއްގައި އެންމެ ޓްރެންޑްވާ ޑާސްމޫވްތަކާއި، ސައުންޑް ޓްރެކްތައްވެސް މި އެޕުން ފެނިގެންދާއިރު، އެކި ކަހަލަ ބްރޭންޑްތަކާއި، އުފެއްދުންތަކާއި ވިޔަފާރިތައް އިޝްތިޙާރުކުރުމާއި، ތަފާތު ހުނަރުތައް ދައްކާލުމަށްވެސް މި އެޕްގެ ބޭނުން ހިފާ ޒުވާނުން ވަކި މަދެއްނޫނެވެ. ހަމައެހެންމެ މުޖުތަމަޢުގައި ހިނގާ ތަފާތު ނޭދެވޭ އެކިކަހަލަ ޢަމަލުތަކާއި، ތަފާތު ކަންކަމާމެދު ހޭލުންތެރިކުރުވުމަށްވެސް ޓިކްޓޮކްގެ ބޭނުން ގިނަ ބަޔަކު ދަނީ ހިފަމުންނެވެ.

މިފަދަ އެކަކީ ފާތުމަތު ޝަޒީލާއެވެ. ޝަޒީލާއަކީ މިހާރު ދިވެހިންނަށް ވަރަށްވެސް ފަރިތަ ދަންނަ ނަމެކެވެ. ގިނަ ބަޔަކު އޭނާ ސިފަކުރަނީ "ޓިކްޓޮކް ކުއީން"ގެ ގޮތުގައެވެ. ވެރިފައިޑް އެކައުންޓަކާއެކު ޝަޒީލާގެ ޓިކްޓޮކް ފޮލޯވާސްގެ ޢަދަދު 362،000 އަށްވުރެ މަތީގައި އުޅޭއިރު، ވިއުސް އެންޑް ލައިކްސް އުޅެނީ 3 މިލިއަނުގައެވެ. 2014 ވަނަ އަހަރުން ފެށިގެން ޓިކްޓޮކް މެދުވެރިކޮށް ޝަޒީލާ އަންނަނީ އޭނާގެ އެކްޓުކުރުމުގެ މޮޅު ހުނަރު އާއްމުންނަށް ދައްކާލަމުންނެވެ. ބައެއް ފަހަރު ހެއްވާ މަޖާ ވީޑިއޯއަކުންނެވެ. އަނެއްބައި ފަހަރު ހިތްގައިމު ލަވައަކަށް ލިޕްސިންކްކޮށްލައިގެންނެވެ.

އާއްމުކޮށް ޝަޒީލާ އޭނާގެ ފޭނުންނަށް ދޫކޮށްލަނީ ތަފާތު ލަވަތަކަށް އެކްޓުކޮށްފައި ހުންނަ ވީޑިއޯއާއި ކޮންމެވެސް މަޝްހޫރު ޑައިލޮގަކަށް އޭނާ އެކްޓްކޮށްފައި ހުންނަ ވީޑިއޯތަކެކެވެ. އެހެންނަމަވެސް މިފަހަކަށް އައިސް ޝަޒީލާ މިވަނީ ވަރަށް މުހިއްމުކަމެއް ކުރަން ފަށާފައެވެ. އެއީ މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަސައްކަތެވެ. ނަމަވެސް އާއްމުކޮށް އަޅުގަނޑުމެންނަށް ފެންނަ އެކިކަހަލަ އެވެއަރނަސް ސްޕޮޓްތަކާއި ތަފާތު ގޮތަކަށެވެ. ހެއްވާ މަޖާ ރަހަތަކަކާއެކުއެވެ.

ޝަޒީލާގެ މި މަސައްކަތް ތަފާތުވެފައި ޚާއްސަވާ އެންމެ މުހިއްމު ސަބަބަކީ އޭނާ މި ވީޑިއޯތައް އާއްމުންނަށް ދޫކޮށްލަނީ އޭނާވެސް އެ އަތޮޅަކަށް ނިސްބަތްވާ ހުވަދޫ ބަހުންނެވެ.

މިގޮތުން އޭނާ ދޫކޮށްލި ބައެއް ވީޑިއޯތަކުގެ ތެރެއިން ކޯވިޑް-19 އަށް ހޭލުންތެރިކުރުމަށާއި، އޮޅުވާލައިގެން މީހުން އަތުން ލާރި ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ކުރާ ސްޕޭމް ކޯލްތަކަށް ހޭލުންތެރިކުރުމަށް ދޫކޮށްލި ވީޑިއޯއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ. ޝަޒީލާ މި ވީޑިއޯތައް ޓިކްޓޮކަށް ދޫކޮށްލީ ޚާއްސަ ކެރެކްޓަރއަކާއެކުއެވެ. އެއީ "ޓިޕިކަލް ހުވަދޫ މޮމް"ގެ ކެރެކްޓަރއެވެ.

ހުވަދޫ ބަހުން ގެނެސްދޭން ފެށި މި ވީޑިއޯތައް ގިނަ ބަޔަކަށް ކަމުދިޔަ އެއް ސަބަބަކީވެސް މި ކެރެކްޓަރއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވާހަކަދެއްކުމުގައި ތަފާތު ބަހުރުވަތައް ބޭނުންކުރާއިރު، ހުވަދޫ ބަހަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަހުރުވައެވެ. ހުވަދޫ ބަސް އެންމެ ރަނގަޅަށް ފަހުމުނުވާ މީހުންނަށްވެސް ޝަޒީލާގެ މި ވީޑިއޯތަކުން އެ ބުނަނީ ކީކޭކަން ނަގައިގަންނަން ފަސޭހައެވެ. އެއީ އޭނާ މޫނު މައްޗަށް އެ ގެންނަ ހަރަކާތްތަކާއި އެކްޓްކުރުމުގެ މޮޅުކަމުންނެވެ. ވަކިން ޚާއްސަކޮށް ޝަޒީލާގެ މި ވީޑިއޯތަކުގައި ހުވަދޫ ބަހުރުވައިގެ ތެރެއިންވެސް އެންމެ އިހުގެ ގޮތްގަނޑާއި، ރާގާއި، އޭނާގެ އުފަންރަށް ވިލިނގިލީ މީހުން ބޭނުންކޮށް އުޅޭ ބަސްތައް ބޭނުންކުރާކަން ފާހަގަކޮށްލެވެއެވެ.

މި ވީޑިއޯތަކަށް ކޮމެންޓްކޮށްފައިވާ ބައެއް މީހުން ފާހަގަކޮށްފައިވާގޮތުގައި، މިއީ ބޮޑެތިވަމުން އަންނަ ކުދިންނަށާއި ޒުވާނުންގެ މެދުގައި ހުވަދޫ ބަހަށް އޮންނަ ލޯތްބާއި ޝަޢުގު އިތުރުކުރުމަށް މަގުފަހިކުރުވާކަމެކެވެ. އަދި ހެއްވާ މަޖާ ޑައިލޮގްތަކަކާއެކު އޭނާ ދޫކޮށްލާ މެސެޖުތަކުން ކުދިބޮޑު އެންމެނަށް އިބުރަތްތެރި ފިލާވަޅުތަކެއް ދަސްވާކަން ފާހަގަކޮށްފައިވެއެވެ. އަޅުގަނޑުމެންގެ ތެރޭގައި މަދުންނަމަވެސް އެކިކަހަލަ ބަހުރުވަތަކަށާއި، ރަށްރަށަށް ޚާއްސަ ބައެއް ކަންކަމަށް މަޖަލެއްގެ ގޮތުގައި ޖޯކުޖަހާތަން ފެނިގެންދެއެވެ. ނަމަވެސް ހުވަދޫ ބަހުގެ ޚާއްސަކަމާއި މުއްސަނދިކަން ޝަޒީލާގެ މި ވީޑިއޯތަކުން ދައްކުވައިދޭކަންވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

"ޓިޕިކަލް ހުވަދޫ މޮމް"ގެ ކެރެކްޓަރއާއެކު ހޭލުންތެރިކުރުވުމަށް ދޫކޮށްލާ ވީޑިއޯތަކުގެ އިތުރުން، ބައެއް ސަމާސާ ވިޑީއޯތައްވެސް ހުވަދޫ ބަހުން ޝަޒީލާ އަންނަނީ ގެނެސްދެމުންނެވެ. އެގޮތުން އޭނާ ޓިކްޓޮކަށް ދޫކޮށްލާ މަންމައާއި ދަރިފުޅަކާ ދެމެދު ހިނގާ ހެއްވާ މަޖާ ކޮންވަޒޭޝަންތަކަކީވެސް ގިނަ ބަޔަކު ޝަޢުގުވެރިކަމާއެކު ބަލާ ވީޑިއޯތަކެކެވެ. މިއިން ކޮންމެ ވީޑިއޯކޮޅެއްގައިވެސް ބޭނުންކުރާ ބަސްމަގު މަޖާވިނަމަވެސް، މިއިން ކޮންމެ ވީޑިއޯއެއްގައި ޝަޒީލާ އަންނަނީ އިބުރަތްތެރި ނަސޭޙަތްތަކެއް ދޫކޮށްލަމުންނެވެ.

ކެމެރާއެއް ކުރިމަތީ މިގޮތަށް އެކްޓްކުރުމަކީ ކޮންމެކޮންމެ މީހަކަށް ކުރަން އެހާ ފަސޭހަކަމަކަށްނުވެދާނެއެވެ. ނަމަވެސް ޝަޒީލާ އޭނާގެ އެކްޓުކުރުމުގައި ހުރި މޮޅުކަމާއި ކުޅަދާނަކަން މިދަނީ ވަރަށް ފުރިހަމައަށް ދައްކުވައިދެމުންނެވެ. ޝަޒީލާ މިގޮތަށް ދޫކޮށްލާ ކޮންޓެންޓްތަކަކީ ބަލާލަން ހިތްގައިމު، ޝައުގުވެރި ވީޑިއޯތަކެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އަދި މި ވީޑިއޯތައް ސޯޝަލް މީޑިއާއެކި ޕްލެޓްފޯމުތަކުގައި ދަނީ ވައިރަލްވަމުންނެވެ.

އެކްޓުކުރުމުގެ އިތުރުން ޝަޒީލާއަކީ މޭކަޕްކުރުމުގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނެކެވެ. މިއީ އޭނާގެ ޕެޝަނެވެ. އެކިކަހަލަ މޭކަޕް ޓިއުޓޯރިއަލްސްތަކާއި ބިއުޓީ ޓިޕްސް އަދި ސްކިން ކެއަރ ޕްރޮޑަކްޓްތަކާގުޅޭ މަޢުލޫމާތު ޝަޒީލާ އަންނަނީ އޭނާގެ ޓިކްޓޮކް، އިންސްޓަގްރާމް އަދި ޔޫޓިއުބް ޗެނަލްގައިވެސް ހިއްސާކުރަމުންނެވެ. މީގެ އިތުރުން ބައެއް އުފެއްދުންތައް މާކެޓްކޮށްދިނުމުގެ މަސައްކަތްވެސް އޭނާ ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކުރަމުންނެވެ. މިއިން ކޮންމެ ޓިކްޓޮކަކީވެސް ވަރަށް ގިނަ ބައެއްގެ ޝަޢުގުވެރިކަމާއި މަޤުބޫލުކަން ލިބިގެންދާ ވީޑިއޯތަކެކެވެ.