ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމާ ގުޅިގެން ކޮންސެޓު ދަތުރުން މަޝްހޫރު ރެޕަރ މެކްލެމޯ ބޭރުކުރުމަށް ފަހު، ލަޔަކިޔުންތެރިޔާ އެޑް ޝީރަން މަޢާފަށްއެދި، ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ގުޅޭ ގޮތުން ބަސްބުނެފިއެވެ. ކޮންސެޓު ދަތުރުން މެކްލެމޯ ވަކިކުރުމަށް އެޑް ޝީރަން ނިންމީ، ސެޕްޓެންބަރު 4 ވަނަ ދުވަހު ނިއު ޖަރޒީގެ މެޓްލައިފް ސްޓޭޑިޔަމްގައި ބޭއްވި ޝޯގައި މެކްލެމޯ "ފްރީ ޕަލަސްޓައިން" އޭ ބުނެ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްދިނުމަށް އެދި ވަކާލާތު ކުރުމުންނެވެ. މި ކަމަށް މަޢާފަށް އެދެމުން، ފިލަޑެލްފިޔާގައި ބޭއްވި އެހެން ޝޯއެއް ފެށުމުގެ ކުރިން އެޑް ޝީރާން ވަނީ އެ ހާދިސާއާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފައެވެ.
ފިލަޑެލްފިޔާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ބޭއްވި ޝޯގައި އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ އެޑް ޝީރަން ބުނީ، އުނދަގޫ ނިންމުންތަކެއް ނިންމުމުގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަން ޤަބޫލުކުރާ ކަމުގައެވެ. އަދި، އެ ކަންކަމަށް މަޢާފަށް އެދޭ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ. ނަމަވެސް، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާއި، ނަސްލުހޭދުގެ ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން ބަސްބުނުމުގެ ކުރިން އޭނާ ވަނީ ޔަހޫދީންގެ ފުރާނައިގެ މުހިންމުކަމަށް އަލިއަޅުވައިލާފައެެވެ. 2023 އޮކްޓޫބަރުގައި ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން ދީފައިވާ ޖިހާދީ ހަމަލާތަކަށް އަލިއަޅުވައިލައި އެޑް ޝީރަން ފުރަތަމަ ވެސް ބުނީ، އެއީ ވަރަށް "ބިރުވެރި" ހަމަލާތަކެއް ކަމުގައެވެ. ފަލަސްޠީނުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގައި ނިކަމެތި ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ޙާލަތާމެދު އޭނާ ބަހެއް ބުނެފައި ވަނީ ޔަހޫދީންގެ ޙައްޤުތަކަށް އަލިއަޅުވައިލުމަށް ފަހުއެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ގުޅޭ ގޮތުން އެޑް ޝީރަން ބުނީ، ޣައްޒާގެ ރައްޔިތުންނާ މެދު ޔަހޫދީން ޢަމަލުކުރަމުންދާ ގޮތަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި، ޣައްޒާ ޤަތުލުޢާންމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ޙަމާސްގެ ހަމަލާތަކާ "ބައްދަލު" ނުވަތަ "އެއްވަރު" ޢުދުވާނެއް ނޫން ކަމުގައި ވެސް އޭނާ ބުންޏެވެ. އަދި، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދަނީ "އިންސާފުން އެއްކިބާވެފައިވާ" ޢަމަލުތަކެއްގެ ގޮތުގައި ސިފަކޮށް އެޑް ޝީރަން ވަނީ، ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ސިޙްޔޫނީ ސަރުކާރުން ހިންގަމުންދާ ޖަރީމާ ވެސް ކުށްވެރި ކޮށްފައެވެ.
މެކްލެމޯއާއި އެޑް ޝީރަންއާ ދެމެދު ދެބަސްވުން އުފެދުނީ، "ފްރީ ޕަލަސްޓައިން" އޭ ބުނެ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްދިނުމަށް މެކްލެމޯ ގޮވައިލުމުން، ކޮންސެޓު ދަތުރުގެ ތެރެއިން ޖިލެޓް ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޝޯގައި ބައިވެރިވުމުގެ ފުރުޞަތު މެކްލެމޯއަށް ނުދެވޭނެ ކަން ނިއު އިންގްލެންޑް ޕޭޓްރިޔަޓްސްގެ ވެރިޔާ ރޮބަރޓް ކްރާފްޓް އެޑް ޝީރާންއަށް އެންގުމުންނެވެ. މެކްލެމޯ ކޮންސެޓުން ވަކިކުރުމަށް އެޑް ޝީރަން ނިންމީ، މި ސަބަބާ ގުޅިގެންނެވެ. ނަމަވެސް، މި ނިންމުމާއެކު މުޅި ކޮންސެޓަށް ބުރޫއެރިއެވެ. އަދި، ކޮންސެޓުގައި ބައިވެރިވާ ގިނަ ޢަދަދެއްގެ އެހެން ފަންނާނުން ވަނީ، މެކްލެމޯއާ ބައިވެރިވެ، އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ކޮންސެޓު ދަތުރުން ވަކިވެފައެވެ.
ކޮންސެޓުގެ ދަތުރުން މެކްލެމޯ ވަކިކުރުމަށް ނިންމި ނިންމުން، އެޑް ޝީރަން ކުރިން ވަނީ އިންސްޓަގްރާމްގައި ދިފާޢުކޮށްފައެވެ. އޭނާ ބުނީ، އޭނާގެ ޝޯތައް ސިޔާސީ ކުރުމުގެ ފުރުޞަތު ނުދެވޭނެ ކަމުގައެވެ. ނަމަވެސް، މި ނިންމުމަށް މަޢާފަށް އެދުމަށްފަހު އޭނާ ބުނީ، މިނިވަން ދުނިޔެއެއްގައި ޝޯތައް ބާއްވާ މާލަންތަކުގެ ވެރިން ފަންނާނުންގެ ހުށަހެޅުންތައް ސެންސަރުކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ. މެކްލެމޯއާއި ގިނަ ޢަދަދެއްގެ ފަންނާނުންގެ ބައިވެރިވުން ނެތި ފިލަޑެލްފިޔާގައި އެޑް ޝީރަން ޝޯ ބޭއްވި ވަގުތު، އެޑް ޝީރަންއާ ދެކޮޅަށް އަޑު އުފުލައި، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތު ކުރުމަށް އެތައް ސަތޭކަ ބަޔަކު ޝޯ ބޭއްވި ސަރަޙައްދަށް އެއްވިއެވެ. އަދި، އެ މީހުންގެ ޝުއޫރުތައް ފާޅުކުރިއެވެ.