ޑާކް ރެއިން އެންޓަޓައިމަންޓްގެ ކުރިއަށްއޮތް ފިލުމު "މަގޭ ބިޓުގެ ވެޑިން" އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ. މިއީ ރޮމޭންޓިކް ކޮމެޑީ ޖޯންރާގެ ފިލުމެކެވެ.
އަންނަ ބުދަ ދުވަހު އޮލިމްޕަސް ސްކްރީގައި އަޅުވާ "މަގޭ ބިޓުގެ ވެޑިން"އާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު މި ފިލްމު ލިޔޭ ޑައިރެކްޓް ކޮށްފައިވާ ޝަހުދާ މަހްމޫދު ބުނީ މި ފިލުމަކީ ޒުވާން ގުރޫއްޕެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކާއި، ދިރިއުޅުމުގައި ދިމާވާ ހެއްވާމަޖާ އަދި ޝައުޤުވެރި އެތައް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ކޮންމެ ހާދިސާއެއްވެސް ގުޅޭނީ މި ކައިވެންޏާކަމަށް ބުންޏެއެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރަފް ޢަބްދުﷲ އާއި ފާޠިމަތު ރާޔާ ޢަބްދުﷲ އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އަޙްމަދު ސަޢީދުގެ އިތުރުން، ކޮމެޑީ އެކްޓުތަކުން އާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަޖާ އެކްޓަރު ފުބޫވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މުޙައްމަދު ޢަލީ ޢާއިޝަތު ފުއާދު އަދި ކޭލީން މުޙައްމަދު ޢަލީ އެވެ. ފިލްމުގެ ސިނެމަޓޯގްރަފީގެ މަސައްކަތް އަޙްމަދު ޒިފާފް ކޮށްފައިވާއިރު އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ އެޑިޓަރު އަދި ޑައިރެކްޓަރު ޢަލީ ޝިފާއުއެވެ.
މި ފިލްމު ޕްރޮޑިއުސަރ މުހައްމަދު އަލީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ އޮލިމްޕަހުގައި ބިރުވެރި އަދި ހިތާމަވެރި ޖޯންރާގެ ފިލްމުތަކަކަށްފަހު މި ފަހަރު ޑާކް ރެއިން އެންޓަޓައިންމަންޓުން މިއަޅުވަނީ އެންމެން ހެއްވާލާނެ ފިލްމެއްކަމަށެވެ.
މި ފިލްމަކީ ޢާއިލާއާއި ރައްޓެހިންނާ އެކީ ގޮސް ބަލާލަން ވަރަށް މާޖާ ގަޔާވާނެ ފިލްމަކަށް ވާނެކަަމަށް އެނާ ބުންޏެވެ. މި ފިލްމުގައި ވަރަށް ޚާއްސަ ލަވައެއްވެސް އެކުލެވިގެންވާކަންވެސް ފިލްމު ޕްރޮޑިއުސަރ ވަނީ ފާހަގަކޮށްފައެވެ.
ފިލްމުގެ ޓްރެއިލަރ މިހާރު އާންމުންނާއި ހިސާބައް ދޫކޮށްލާފައިވާއިރު އާންމުގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެއެވެ.
ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާއިރު ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތު ދެއެވެ.
ޑާކްރެއިން އެންޓަޓައިންމަންޓަކީ ބެލުންތެރިން ގަޔާވާނެފަދަ ތަފާތުއެކި ޖޯންރާތަކަށް ފިލްމު އުފައްދަމުން އަންނަ ޕްރޮޑަކްޝަންއެކެވެ. މި ޕްރޮޑަކްޝަންގެ އެންމެ ފަހުން ނެރުން ޖަންނަތު ފިލްމަށްވެސް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.