ތިމާވެށި

ހިމާޔަތްކޮށްފައިވާ ތަންތަނުން އިޤްތިޞާދީ މަންފާ ހޯދުމަށް އީކޯ ޓޫރިޒަމް ފެސިލިޓީތައް ޤާއިމުކުރަނީ


ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަނަކީ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ލިބޭނެ ތަންތަން ކަމުގައި ހެދުމަށްޓަކައި، އީކޯ ޓޫރިޒަމް ފެސިލިޓީތަކާއި، ގައިޑްލައިންތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތް ހަރުދަނާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ރާއްޖެއަކީ ޤުދުރަތީ ހުރިހާ ރީތިކަމެއް ލިބިފައިވާ އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނެއް ކަމަށެވެ. އަދި ހިމާޔަތްކުރާ ތަންތަނުގެ ތެރޭގައި، މަޝްހޫރު ޑައިވް ސައިޓްތަކާއި، ކުޅި، ފާ، ޗަސްބިންތަކާއި ކަނޑޫފާ އާއި ޝިޕްރެކްތަކާއި ފިނޮޅުތައް ހިމެނޭކަމަށާއި، ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭއާއި އަރިއަތޮޅުގައި ހުންނަ ސައުތު އަރި މެރިން ޕާކަކީ އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަޤުބޫލު ތަންތަންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ހިމާޔަތްކޮށްފައިވާ ބައެއް ތަންތަނުގައި ވިޒިޓަރ ސެންޓަރުތަކާއި، އެ ޕާކުތައް މެނޭޖުކުރަން ޚާއްޞަ މުވައްޒަފުން ތިބޭނެކަމަށާއި އަދި މިހާތަނަށް ހިމާޔަތްކޮށްފައިވާ 73 ސަރަޙައްދާއި ކުރިއަށް އޮތްތަނުގައި ހިމާޔަތްކުރެވިގެންދާނެ ސަރަޙައްދުތައް މެނޭޖުކުރަން ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ. އަދި، ބ. އަތޮޅާއި، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމާޔަތްކޮށްފައިވާ ތަންތަނަކީ، މެނޭޖްކޮށް އަދި އެއިން އިޤްތިޞާދީ ގޮތުން ފައިދާ ލިބޭނެކަން ދައްކުވައިދޭ ތަންތަން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.


2025 އަންނަން ވާއިރަށް ކޮންމެ އަތޮޅެއްގެ ފަރުތަކުގެ 10 އިންސައްތައާއި، ކަނޑޫ، ފާ ޗަސްބިންތަކުގެ 20 އިންސައްތަ އާއި ކޮންމެ އަތޮޅަކުން ފިނޮޅަކާއި މީހުން ދިރިނޫޅޭ އެއް ރަށް ހިމާޔަތްކުރުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ހިމާޔަތްކުރެވޭ ތަންތަނަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ ޤުދުރަތީގޮތުން މުއްސަނދި ތަންތަން ކަމަށާއި، މިތަންތަން ރައްކާތެރިކޮށް ބަލަހައްޓާ، ދެން އަންނަން އޮތް ޖީލަށްވެސް މިތަންތަން ފޯރުކޮށްދޭން ޖެހޭނެކަމަށެވެ. އަދި ހިމާޔަތްކޮށްފައިވާ ތަންތަނަކީ އެ ތަންތަނުގައި އުޅޭ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ލިބޭނެ ތަންތަން ކަމުގައި ހެދުމަށްޓަކައި، އީކޯ ޓޫރިޒަމް ފެސިލިޓީތަކާއި، ގައިޑްލައިންތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކައުންސިލްތަކާއި ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކުންނާއި ޖަމްޢިއްޔާތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ހަރަކާތްތަކަށް މަސައްކަތު ބައްދަލުވުމުގެ ބައިވެރިން އަހުލުވެރިކުރުވުމާއި އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ވެށި ރައްކާތެރިކުރުމަށް މަގުފަހި ކުރުވުންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިފަދަ ސަރަޙައްދުތައް ހިންގާ ބަލަހައްޓާ ފަރާތްތަކުން އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގާ ކަންކަމުގައާއި، އެ ސަރަޙައްދު ބެލެހެއްޓުމުގައި އިސްކަން ދޭންވީ ކަންކަމާއި ނިންމާ ނިންމުންތަކުގައި ދެމެހެއްޓެނިވި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ އުޞޫލުތަކާއި މިންގަނޑުތައް ޤާއިމުކުރުމަށް މަގުފަހި ކުރުވުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.