ކޯވިޑް-19

އެސްޓްރާ ޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަދީފި


ކޯވިޑް-19އިން ދިފާޢުވުމަށް އެސްޓްރާ ޒެނެކާއިން އުފައްދާފައިވާ "ކޯވިޑް-19 ވެކްސިން އެސްޓްރާ ޒެނެކާ" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

އެސްޓްރާ ޒެނެކާ ވެކްސިން ރާއްޖޭގައި ޖެހުމަށް އެމް.އެފް.ޑީ.އޭއިން ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

މި ވެކްސިނަށް ހުއްދަދީފައިވަނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަރޖެންސީ ސިޓުއޭޝަން" ގައި ބޭނުންކުރުމަށެވެ. މިއީ ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމަށް ހުއްދަދީފައިވާ 7 ވަނަ ވެކްސިނެވެ. އެސްޓްރާ ޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައިވާއިރު، ރާއްޖެއިން ވަނީ މި ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި މި ވެކްސިން މިމަހުގެ ފަހުކޮޅު ލިބޭވަރުވާނެކަމަށް ހެލްތު މިނިސްޓަރ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަށް އެމް.އެފް.ޑީ.އޭއިން ދީފައިވަނީ މިކަމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށްފައި ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި މިކަމުގައި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާއެކުކަމަށްވެސް އެމް.އެފް.ޑީ.އޭއިން ވިދާޅުވެފައިވެއެވެ.

މި ވެކްސިނަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިމަރޖެންސީ ޔޫސް ލިސްޓިން (އީ.ޔޫ.އެލް)ގައި ހިމެނޭ އަދި މިހާތަނަށް 115 ޤައުމެއްގައި އިމަރޖެންސީ ޔޫސް އެޕްރޫވަލް ލިބި ބޭނުންކުރަމުންދާ ވެކްސިނެކެވެ. އެ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ކެނެޑާ، މެލޭޝިއާ، ސްޕެއިން، ފްރާންސްގެ އިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސް ފަދަ ޤައުމުތައް ހިމެނެއެވެ.

އެސްޓްރާ ޒެނެކާ ވެކްސިން ބަހައްޓަންޖެހޭނީ 2 - 8 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ. އެމް.އެފް.ޑީ.އޭއިން މި ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިން ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެންނެވެ. އަދި އެމް.އެފް.ޑީ.އޭއާއި މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުންދާނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެފައިވެއެވެ.

އާއްމުގޮތެއްގައި ކޮންމެ ވެކްސިނަކީވެސް އެ ވެކްސިނެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރިއެކްޝަނެއް އައުމުގެ ފުރުޞަތު އޮންނަ ވެކްސިނެއްކަން އެމް.އެން.ޑީ.އޭއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކުރިއެކޭވެސް އެއްފަދައިން ސްޕަޓްނިކް ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެ އޮތޯރިޓީއާއި، ހެލްތު މިނިސްޓްރީ އާއި އެޗް.ޕީ.އޭ ގުޅިގެން ގާތުން ބަލަމުންދާނެ ކަމަށް އެމް.އެފް.ޑީ.އޭއިން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވެކްސިން ޖަހުން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. އެސްޓްރާ ޒެނެކާ ހިމެނޭހެން ރާއްޖޭގައި މިހާތަނަށް 7 ވެކްސިނެއް ބޭނުންކުރުމަށް ވަނީ ހުއްދަދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޯފާމް ވެކްސިނާއި، ފައިޒަރ ވެކްސިނާއި، ސްޕަޓްނިކް ވެކްސިނާއި، މޮޑާނާ ވެކްސިންގެ އިތުރުން ޖެންސެން ވެކްސިނެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ޖަހަމުންދަނީ މީގެ ތެރެއިން ކޮވިޝީލްޑް ވެކްސިނާއި، ސިނޯފާމް ވެކްސިންގެ އިތުރުން ފައިޒަރ ވެކްސިނެވެ.