ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނު ނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށްފަހު، ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީއާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
މިމަޝްރޫޢުގެ ދަށުން ރަންވޭގައި ތާރުއެޅުމުގެ ކުރިން ބިންގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ސަބްގްރޭޑް މަސައްކަތްތައް އެމް.ޓީ.ސީ.ސީން ވަނީ ނިންމާލާފައެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް އަންނަނީވަމުންނެވެ. މީގެ އިތުރުން އެއަރޕޯޓުގެ ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، އެއަރޕޯޓުގެ ޓަރމިނަލް އަޅާ ސަރަޙައްދުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ.
އެއަރޕޯޓުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކާ ބޭނުންވާ އިތުރު ވެހިކަލްތަކާއި ސާމާނު އެކުންފުނިން ވަނީ އެރަށަށް ގެންގޮސްފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މި ރަށްތައް ހިމެނޭހެން ޖުމްލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި، ޓެކްސީވޭއާއި ފްލައިޓް ޕާކުކުރާ އޭޕްރަންއާއި، ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ، ސަރުކާރާއި ޙަވާލުކުރުމެވެ.