ތިމާވެށި

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ޞަބްރާ ޢައްޔަންކުރައްވައިފި

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ޞަބްރާ އިބްރާހީމް ނޫރައްދީން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަކީ ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ތަސްދީގުކުރެއްވި ކްލައިމެޓް އިމަރޖެންސީ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި މަޤާމެކެވެ. ޞަބްރާ އިބްރާހީމް ނޫރައްދީން، މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

ކްލައިމެޓް އިމަރޖެންސީ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޖަވާބުދާރީވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ އޮފީސް ޤާއިމުކޮށްފައި ހުންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ޢައްޔަންކުރާ މީހަކަށް، ދައުލަތުގެ ސަފީރަކަށް ދޭ މުސާރައާއި ޢިނާޔަތްތައް ދޭންވާނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގެ އިސްދައުރު އަދާކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލުން ހިމެނެއެވެ. އަދި ކްލައިމެޓް އިމަރޖެންސީ ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދާއިރާއިން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ މަޤާމު މަތިކުރުމަށް މަސައްކަތްކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައްސަލަތަކުގައި ޤައުމުތަކުގެ އެއްބާރުލުން ހޯދުމަށް މަސައްކަތްކުރުމާއި މި ދާއިރާއިން ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުންވެސް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ޞަބްރާ އިބްރާހީމް ނޫރައްދީނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓަރސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް މަޤާމަށް ޢައްޔަންކުރެއްވުމާއި ހަމައަށް ޞަބްރާ މަސައްކަތްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމުގައެވެ. ޞަބްރާއަކީ މީގެކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޮލަމްބޯގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަންގައިވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.