ކޯވިޑް-19

އިމަރޖެންސީ މެޑިކަލް ސަރވިސްގެ ޚިދުމަތް ހޯދުމަށް 100އަށް މިހާރު ގުޅޭނެ


އިމަރޖެންސީ މެޑިކަލް ސަރވިސް އުފައްދާ، ކުއްލި ހާލަތުގައި ޞިއްޙީ ފަރުވާ ބޭނުންވާ މީހުންނަށް ޚިދުމަތްދޭން ފަށައިފިއެވެ. މި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް 100އަށް ގުޅައިގެން ޚިދުމަތް ހޯދޭނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިމަރޖެންސީ މެޑިކަލް ސަރވިސްގެ ޚިދުމަތަކީ ވަކި ޚިދުމަތެއްގެ ގޮތުގައި މިހާރު ދޭން ފަށާފައިވާކަމަށެވެ. އަދި މި ޚިދުމަތް ދޭން ފަށާފައިވަނީ ހެލްތު މިނިސްޓްރީއާއި ސިފައިން ގުޅިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިފަދަ ޚިދުމަތެއް ދޭން ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.


މަބްރޫކް ވިދާޅުވީ، މިޚިދުމަތް ދިނުމުގައި މިވަގުތު އެންމެ ބޮޑު އިސްކަމެއްދޭނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް 100 މި ނަންބަރަށް ގުޅައިގެން އިމަރޖެންސީ މެޑިކަލް ސަރވިސްގެ ޚިދުމަތް މިހާރު ހޯދޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިމަރޖެންސީ ބޭނުންތަކަށް އެކަނި ޚާއްސަކޮށްފައިވާ ޚިދުމަތެއްކަމުން، އެފަދަ ޙާލަތްތަކުގައި ނޫނީ އެ ނަންބަރަށް ނުގުޅުމަށް މަބްރޫކް ވަނީ އިލްތިމާސްކުރައްވާފައެވެ.

"މި ޚިދުމަތް ބޭނުންކުރައްވާނީ އިމަރޖެންސީ ބޭނުންތަކަށް އެކަނި، އެހެނިހެން ޚިދުމަތްތަކާއި މޫވްމަންޓް ޚިދުމަތްތައް ހޯދުމުގައި އިތުރު ގޮތްތައް މިވަގުތު އެބަހުރޭ. 1676 މި ފޯނު ނަންބަރު ބޭނުންކޮށް މެޑިކަލް އެހީތެރިކަން ހޯދޭނެ. ހޮސްޕިޓަލްތަކުން ދެމުންދާ އޮންލައިން ކޮންސަލްޓޭޝަން، މިފަދަ އެކި އެކި ގޮތްގޮތަށް ޚިދުމަތް ލިބެން އެބަހުރި. އީ.އެމް.އެސްގެ ބޭނުން ހިފަން ހަމަ ކޮންމެހެން އިމަރޖެންސީގެ ޙާލަތްތަކުގައި މިކަމަށް ބޭނުންކުރެވޭނެ ފޯނު ނަންބަރަކީ 100. މި ފޯނު ނަންބަރުން އިމަރޖެންސީ މެޑިކަލް ސަރވިސް ބޭނުންވާ ފަރާތްތަކަށް މިހާރު ގުޅައިގެން ޚިދުމަތް ހޯދޭނެ" މަބްރޫކް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށް ނަގާ ސާމްޕަލްތައް ނައްތާލުމުގައި ބައެއް ލެބޯޓްރީތަކުން އޮންނަ އުޞޫލާއެއްގޮތަށް އެކަން ނުކުރާކަމުގެ ކަންބޮޑުވުމަށް އިޝާރަތްކުރައްވަމުން މަބްރޫކް ވިދާޅުވީ، އެފަދަ ކަންބޮޑުވުންތަކެއް ފާހަގަކުރެވި، އެކަންކަން ކަމާބެހޭ ފަރާތްތަކުން އިތުރަށް ބަލަމުންދާކަމަށެވެ. އެގޮތުން އެޗް.ޕީ.އޭއިން ވެމްކޯއާއެކު މިކަމުގައި އިތުރަށް މަޝްވަރާކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.