ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ ހުރިހާ ހަތިޔާރެއް މި އަހަރު ނިމުމުގެ ކުރިން ދައުލަތަށް ނެގުމަށް އެމެރިކާއިން އައު ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މިއީ، އެ ޖަމާޢަތުގެ ފުށުން ޔަހޫދީންނާއި ޒަޔަނިސްޓު ދައުލަތަށް އޮތް ނުރައްކާ ކަނޑުވައިލުމަށް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
ހުސްވި އަހަރު ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ކުރި ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް ފަހު ލުބްނާންގެ ފަސް ސަރަޙައްދެއްގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމެރިކާގެ ހުށަހެޅުމުގެ ދަށުން އެ ސިފައިން ފައިބަން ޖެހޭނެއެވެ. އަދި، ލުބްނާންގެ ޢާންމުން ޝަހީދު ކުރުމަށް ވައިގެ މަގުންނާއި އެއްގަމު މަގުން، އަދި ކަނޑު މަގުން ހިންގަމުންދާ އޮޕަރޭޝަންތަކާއި، ދެމުންދާ ނިރުބަވެރި ޙަމަލާތައް ހުއްޓައިލަން ޖެހޭނެއެވެ.
ޓްރަމްޕްގެ ފަރާތުން ލުބްނާންގެ ސަރުކާރަށް އައު ހުށަހެޅުމެއް ހުށަހަޅުއްވާފައި ވަނީ އޭނާގެ ޚާއްޞަ މަންދޫބު، ތޮމަސް ބަރާކެވެ. ލުބްނާންގެ ސަރުކާރުން އޮގަސްޓު 7ވަނަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި ޓްރަމްޕްގެ ހުށަހެޅުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ. ލުބްނާންގެ މަޢުލޫމާތާ ބެހޭ ވަޒީރު ޕޯލް މޮރްކޯސް ވަނީ މި ކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް، ޓްރަމްޕްގެ ހުށަހެޅުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ބުރާސްފަތި ދުވަހުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ އެ ހުށަހެޅުމުގެ ލަނޑުދަނޑިތަކާ މެދުުގައި ކަމުގައި އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ހުށަހެޅުމުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ، ދައުލަތް ނޫން ފަރާތްތަކުގެ ކޮންޓުރޯލުގެ ދަށުގައި ހުރި ހުރިހާ ހަތިޔާރެއް ދައުލަތުގެ ބާރުގެ ދަށަށް ގެންދިޔުމާއި، ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ހަރަކާތްތަކަށް ނިމުމެއް ގެނައުމެވެ. މާނައަކީ، ޙިޒްބުاللهގެ ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ކޮންޓުރޯލުގެ ދަށަށް ގެންދިޔުމެވެ. މީގެ އިތުރުން، ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގުގައި، ލުބްނާންގެ ފަޅި ބެލެހެއްޓުމުގެ ޒިންމާތަކާ އެ ޤައުމުގެ އަސްކަރިއްޔާއިން ޙަވާލުވުމެވެ. އަދި، ޔަހޫދީ ފައުޖުން ހަރަކާތްތެރިވަމުންދާ ފަސް ސަރަޙައްދަކުން އެ މީހުން ބާލައި، ލުބްނާނާއި އިސްރާއީލުގެ އިތުރުން ލުބްނާނާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު އަލުން ކަނޑައެޅުން ވެސް ޓްރަމްޕްގެ ހުށަހެޅުމުގައި ހިމެނެއެވެ.
2024ވަނަ އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަން ފަށާފައިވީ ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބެހެއްޓުމަށް ޙިޒްބުاللهން ދަނީ އިންކާރު ކުރަމުންނެވެ. ސަބަބަކީ، އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން ލުބްނާންގެ ދެކުނުގައި ހަރަކާތްތެރިވަމުން ދިޔުމެވެ. އަދި، ލުބްނާންގެ ވެރިރަށް ބައިރޫތާއި، އެހެން ބޮޑު ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކަށް ނިމުމެއް ގެނެސްފައި ނެތުމެވެ.
ޙިޒްބުاللهގެ ހަތިޔާރުތައް ދައުލަތުގެ ބާރުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުގެ އަސްކަރިއްޔާއާ ޙަވާލު ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. މި ކަމާ މެދު ޙިޒްބުاللهން ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، ބުރާސްފަތި ދުވަހުގެ ކެބިނެޓުގެ ބައްދަލުވުމުގައި ޙިޒްބުالله ތަމްސީލު ކުރައްވާ ވަޒީރުންނާއި، ޙިޒްބުاللهއަށް ތާޢީދު ކުރައްވާ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ.
މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، މިއީ ޙިޒްބުاللهގެ ހަތިޔާރު އަތުލައި، އެ ޖަމާޢަތުގެ ބާރު ކަނޑުވައިލުމަށް އެމެރިކާއާއި ޔަހޫދީން މަސައްކަތް ކޮށްފައިވާ ފުރަތަމަ ފަހަރު ނޫން ކަމުގައެވެ. "އަޅުގަނޑުމެން އަމަލު ކުރަމުން ދަނީ އެހީތެރިއެއްގެ ގޮތުގައި، [ހަތިޔާރު ތިރިކުރުމާ މެދު] ފަހުގެ ނިންމުން ނިންމުމުގެ ބާރު އޮތީ އެ މީހުންގެ [ޙިޒްބުاللهގެ] ކިބައިގައި،" އޭނާ ވިދާޅުވިއެވެ.