ކޯވިޑް-19

ފިޔަވަޅުތަކާ ޚިލާފުވެގެން 1000 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި


ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 1000 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ. އޭގެ ތެރެއިން ގިނައީ ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމަނާކުރި މީހުންނެވެ

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާސްކު ނާޅައިގެން 253 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އަދި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުނު 615 މީހަކު ޖޫރިމަނާކޮށް، ވެހިކަލްދުއްވި 150 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެޗް.ޕީ.އޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެތަންތަނުގައި ތަންފީޒުކުރަމުންދާ މިންވަރު ދޭތެރެ ދޭތެރެއިން ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާއްޖޭގެ ޙާލަތު އަނެއްކާވެސް ގޯސްވުމާގުޅިގެން، ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތަކާއި ސެލޫންތައްފަދަ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެފަދަ 81 ތަނެއް އިންސްޕެކްޓްކޮށްފައި ވާކަމަށާ، އޭގެ ތެރެއިން އެންމެ ފިހާރައެއް ފިޔަވާ އެހެން ހުރިހާތަނެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ. މި ބަލީގެ ނުރައްކާ ބޮޑުވުމާގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މާލޭ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ހަވީރު 4 އިން ހެނދުނު 8 އަކަށް ކާފިޢު އިޢުލާންކޮށް ބޭރުތެރެއަށް ނުކުމެ އުޅުމުގައި ޢަމަލުކުރާނެ ޚާއްސަ އުޞޫލުތަކެއް ކަނޑައަޅާފައިވެއެވެ. މާސްކް ނާޅައި އުޅުމާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މާލޭ ސަރަޙައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މިކަންކަން ތަންފީޒުކުރުމަށްޓަކާ ފުލުހުންނާއި ސިފައިން އަންނަނީ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.