ތިމާވެށި

އެންދެރި މަޝްރޫޢަށް އަހުލުވެރިކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި


"އެންހޭންސިންގް ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއެންޓް އައިލެންޑްސް" އެންދެރި މަޝްރޫޢަށް އަހުލުވެރިކުރުމަށް އިންސެޕްޝަން ވޯރކްޝޮޕެއް ބާއްވައިފިއެވެ.

ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޑރ. ޢަބްދުﷲ ނަސީރެވެ. "އެންދެރި" އަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސްމާލު ވަޒަންކޮށް، މިވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ.

މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވުމުގެގޮތުން ޑރ. ނަސީރު ދެއްކެވި ވާހަކައިގައި ދިވެހިރާއްޖެއަކީ 1994 ވަނަ އަހަރުން ފެށިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ މެމްބަރު ޤައުމެއް ކަމަށާއި ޖެފްގެ ފަރާތުން ތިމާވެށީގެ އެކި ކަންތައްތައް ކުރުމަށް އެހީ ލިބެމުންދާ ކަން ފާހަގަކުރެއްވިއެވެ.

ޑރ.ނަސީރު ވިދާޅުވީ، ކަނޑާއި ވިލުގެ ދިރުމާއި ޗަސްބިންތައް ހިމާޔަތް ކުރުމާއި، އެހިމާޔަތް ކުރެވޭ ތަންތަން ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމަކީ ދިވެހިރާއްޖޭގެ ކުރިމަގަށް މުހިންމު ކަމެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ލާމު އަތޮޅުގައި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތަކެއް ހިމާޔަތްކޮށް އެސަރަހައްދުތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރެވޭނޭކަމަށާއި، މީހުންއުޅޭ ރަށްރަށަށް އަމާޒުކޮށް މާހައުލީ ނިޒާމްތައް މެނޭޖްކުރެވޭނެ ގޮތްތަކެއް ގާއިމް ކުރެވޭނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.


މި ޕްރޮޖެކްޓުގެ މައިގަނޑު އެއް މަސައްކަތަކީ ދުނިޔޭގެ ގިނަ ޤައުމުތަކަކުން މިހާރު އެޑޮޕްޓް ކުރަން މަސައްކަތްކުރާ ޤުދުރަތީ ރައުސްމާލު ނުވަތަ ނެޗުރަލް ކެޕިޓަލް އެކައުންޓެއް ގާއިމް ކުރުންކަމަށާއި، އެގޮތުން ލ. އަތޮޅުގެ މާހައުލީ ނިޒާމްތައް އިޔާދަކުރުމަށާއި، ވިލުން އިތުރުކުރުމަށް ބޭނުންވާނެ މައުލޫމާތާއި ޑޭޓާ މިޕްރޮޖެކްޓް ދަށުން ހޯދުމާއި، އީކޯ ސިސްޓަމް އެކައުންޓިން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރެވޭނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، އީކޯ ސިސްޓަމް އެކައުންޓިންގ ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އަދި ޓެކްނިކަޓް ބޭފުޅުން ރާއްޖޭގައި ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށާއި، އެގޮތުން މަޝްރޫޢުގެ އަމާޒަށް ވާސިލުވުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ތަމްރީނުތައްވެސް މި މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ޖީލުތައް މިކަމަށް އަހުލުވެރި ކުރުވުމަށް ސްކޫލްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިޕްރްޖެކްޓުގެ ދަށުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ޕޮލިސީތައް ތަންފީޒުކުރުމަށް އެހީވެދޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން 4 ވަނަ ޓުއަރިޒަމް މާސްޓަރ ޕްލޭންގެ ތެރޭގައި ހިމެނޭ ކުނިމެނޭޖް ކުރުމާއި، ރަށްތައް ގިރުން ކޮންޓްރޯލް ކުރުމާއި، ކަނޑާއި ފަޅުތައް ހިމާޔަތް ކުރުމުގެ ކަންކަން ހިމެނޭނެކަން އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް ހުރި ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއްވެސް ރާވާ ޕްލޭންކުރާއިރު ނެޗުރަލް ކެޕިޓަލް އެކައުންޓިން ހިމަނައި، އެކަމަށް އަހުލުވެރި މުޖުތަމަޢުއެއް ޤާއިމުކޮށް، އޭގެ މަންފާއާއި ފައިދާ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް ލިބޭނޭގޮތް ފަހިކުރުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.