ޚަބަރު

ކޮންމެ ފަރުދަކަށްވެސް ޤުދުރަތީ ނިޒާމުތައް ހިމާޔަތް ކުރެވިދާނެ


ހަލާކުވެފައިވާ އަދި ހަލާކުވަމުންދާ ދިރޭތަކެތީގެ މާހައުލުތައް އެ ހާލަތުން ސަލާމަތްކުރުމަށް މަސައްކަތްކުރުމާއި، ގެއްލުމެއް ލިބިފައި ނުވާ ޤުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަމެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށްވެފައި ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޒިންމާއަކަށް ހަދަމާހެއްޔެވެ. މިއަދަކީ ދުނިޔޭގެ ދިމާވެށީގެ ދުވަހެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ 1974 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ތިމާވެށީގެ މުހިންމު ކަމާމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ، Ecosystem Restoration”" ނުވަތަ މާހައުލީ ނިޒާމުތައް އިއާދަކުރުމެވެ. މާހައުލީ ނިޒާމު އިއާދަކުރުމަކީ ހަލާކުވެފައިވާ އަދި ހަލާކުވަމުންދާ ދިރޭތަކެތީގެ މާހައުލުތައް އެ ހާލަތުން ސަލާމަތްކުރުމަށް މަސައްކަތްކުރުމާއި، އަދި މީގެ އިތުރުންވެސް ގެއްލުމެއް ލިބިފައި ނުވާ ޤުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ބެލެހެއްޓުމެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން ދުނިޔޭގެ ތިމާވެށީގެ ދުވަސް މިއަހަރުވެސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. މާހައުލީ ނިޒާމުތައް އިއާދަކަކުރުމަށް ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމަކީ މުހިންމު ކަމަކަށް ވާއިރު މާހައުލީ ނިޒާމުތަކަށް ދިރުން ގެނެސް އާލާކުރުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތްކުރެވިދާނެއެވެ. އެގޮތުން، ގަސް އިންދުމާއި، މޫދަށާއި ތަންތަނަށް އަޅާފައިވާ ކުނި ނަގައި، ސާފުކޮށް، އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބެލެހެއްޓުމާއި ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި ބާރުއެޅުންފަދަ ކަންކަމަކީ ކޮންމެ މީހަކަށްވެސް ފަރުދީ ފެންވަރުގައާއި ރަށު ފެންވަރުގައިވެސް ކުރެވޭނެ ކަންކަމެވެ. ގަސްގަހާގެއްސަކީ އޭގެ ސަބަބުން ވައި ސާފުވެ، ނަފްސާނީ ދުޅަހެޔޮކަންވެސް އިންސާނުންނަށް ލިއްބައިދޭ އެއްޗެކެވެ. މިކަމުންވެސް ޤުދުރަތީ މާހައުލުގެ މުހިއްމުކަން އަޅުގަނޑުމެންނަށް ދޭހަވެއެވެ. ރާއްޖެއަކީ ރީތި ގޮނޑުދޮށްތަކާއި މޫދު ވަށައިގެންވާ އަދި މުއްސަނދި ފަރުގެ މާހައުލުތަކާއި ކަނޑުއަޑީގެ ބަގީޗާ ތައް ހިމެނޭ ތަނަކަށް ވީހިނދު އެމާހައުލުތައް ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.

އަޅުގަނޑުމެންނަށް އެ ޒިންމާ ރަނގަޅަށް އަދާނުކުރެވޭނަމަ އިޔާދަނުކުރެވޭނެ ފަދަ ގެއްލުންތައް އަޅުގަނޑުމެންނަށް ލިބިގެންދާނެއެވެ. އެހެންކަމުން، މިއަދު ވިސްނައި ނަޒަރު ހިންގަންވީ ޤުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް ކުރެވޭނީ ކޮންކަމެއްތޯ އާއި އިތުރަށް ކުރެވޭނެ ކަންކަމާމެދުއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ޤުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ޤުދުރަތީ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވީ، ކޯވިޑް ބަލީގެ ސަބަބުން ދުނިޔެ މިއޮތް ހާލަތަށް ބަލާއިރުވެސް 'މާހައުލީ ނިޒާމުތައް އިޔާދަކުރުން' މި ޝިއާރާއި ގުޅުވާލެވޭނެ ކަމަށާއި، ނެތި ގޮސްފައިވާ އަދި ނެތެމުންދާ ދިރޭތަކެތި އިޔާދަކުރުމާއި މިކަހަލަ ވަރަށް ގިނަ ކަންތައްތައް ކުރިއަށްއޮތް ތަނުގައި ކުރަންޖެހޭނެ ކަމަށެވެ. އަދި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ވެލާ ކަހަނބު ފަދަ ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކޮށްފައިވަނީވެސް އެ ބޭނުމުގައިކަމަށެވެ. އެގޮތުން މީގެ ކުރިން 'ރިޓަރން އޮފް ދަ ފްލަވަރސް' ގެ ނަމުގައި ކެމްޕެއިނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނެތެމުންދާ ގަސްގަހާގެހި ފާހަގަކޮށް އެގަސްތައް އާލާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ފޮނި ނަތީޖާއަކީ މިއަދު ރާއްޖޭގައި އެފަދަ ގަސްގަހާގެހި ގިނަ އަދަދަކަށް ފެންނަން ހުރުންކަން މިނިސްޓްރީން ފާހަގަކުރެއެވެ.