ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރު ހުޅުވައިފިއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިދިޔަ ހޯމަ ދުވަހު، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މަރުޙޫމް ޙަސަން ޞާބިރުގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވީ ވެލާނާ ބިލްޑިންގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ އޮފީހުގައެވެ. މި ދަފްތަރުގައި ޢާންމުންނަށްވެސް ސޮއިކުރެވޭނެއެވެ.
ޞާބިރުގެ ތަޢުޒިޔާގެ ދަފްތަރުގައި އެންމެ ފުރަތަމަ ލިޔުއްވާ ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ދަފްތަރު އަންނަ މަހުގެ 7ވަނަ ދުވަހާ ހަމައަށް ހުޅުވާފައި ހުންނާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ދަފްތަރުގައި ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށެވެ.
ޙަސަން ޞާބިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވާފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގޮތަށް ނިންމެވުމާއި ގުޅިގެންނެވެ. ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި 29 ޖުލައި އިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް އެމަނިކުފާނު ނިންމެވިއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު، ރަސްމީ ޢިއްޒަތުގައި ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައެވެ. ޙަސަން ޞާބިރަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި ބޭރު ޤައުމުތަކުގައި ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ޞާބިރު ކުރެއްވިއެވެ.
ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.