ތިނަދޫގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، މި ބަލީގައި ނިޔާވެފައިވަނީ އެރަށު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ މިއަދު ފަތިހު 5:30 ހާއިރުކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ. މިއީ އެރަށުން ކޯވިޑް ޖެހިގެން ނިޔާވި ފުރަތަމަ މީހާއެވެ.
ތިނަދޫއިން ނިޔާވި މީހާއާއެކު، ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 178 މިވަނީ އަރާފައެވެ. އަދި މިއީ މިއަދުގެ ދެވަނަ ކޯވިޑް މަރެވެ.
އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 3 މީހަކު ކޯވިޑް-19 އަލަށް ޕޮޒިޓިވްވެފައެވެ. އަދި ރަށުން މިހާތަނަށް ފެނުނު ކޯވިޑް ކޭސްތަކުގެ އަދަދު 201 އަރާފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތުވެސް 56 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން 2 މީހަކަށް ފަރުވާދެމުންދަނީ ކޯވިޑް ފެސިލިޓީގައެވެ. ކޯވިޑަށް ޓެސްޓްކުރުމަށްޓަކާ ތިނަދޫއިން 2700 އަށްވުރެ ގިނަ ސާމްޕަލް މިހާތަނަށް ނަގާފައިވެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، އެ ރަށުން ފެނުނު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 225 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާކަމަށެވެ. އަދި ރަށުގެ ޙާލަތު ދެނެގަތުމަށްޓަކާ ރަށު ތެރެއިން ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށެވެ.