ފާއިތުވީ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާގެ މަގާމް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޤައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަޙްމަދު އައިހަމް ހޯދައިފިއެވެ.
އައިހަމްއާ މި އެވޯޑު ހަވާލުކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ހަފްލާގެ ތެރެއިންނެވެ.
އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޚުންތެރިޔާގެ އެވޯޑު ހޯދި އައިހަމް ވަނީ ފާއިތުވީ ސީޒަނުގައި މާޒިޔާގެ ޖާޒީގައި 17 މެޗު ކުޅެ، 8 ލަނޑު ޖަހައިދީފައެވެ. އައިހަމް އަކީ ޤައުމީ ޓީމުގައިވެސް މިހާރު މުހިއްމު ދައުރެއް އަދާކުރަމުންދާ ސީނިއަރ ކުޅުންތެރިއެކެވެ.
އައިހަމް ވަނީ މާޒިޔާއާއިއެކު ދިވެހި ލީގު، ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.
މި އެވޯޑަށް ދެން ނޮމިނޭޓުވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަލީ ފާސިރު (ސެންޓޭ)، އާއި ވިކްޓްރީއަށް ކުޅޭ ހަމްޒާ މުޙައްމަދު (ހަމްޕު) ގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިބްރާޙީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ގެ އިތުރުން ނިއުރޭޑިއަންޓުގެ މުޙައްމަދު ނާއިމްއެވެ.