ކޯވިޑްގެ ނުރައްކާ ދުވަހުން ދުވަހަށް ބޮޑުވަމުންދާއިރު ނިމިދިޔަ މޭއި މަހަކީ މިބަލީގައި ރާއްޖެ ދުށް އެންމެ ބިރުވެރި މަހެވެ. މޭއި މަހަކީ އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަހުގެ އިތުރުން ބައްޔަށް އެންމެ ގިނަ ތުއްތު ކުދިން ހުށައެޅުނު މަސްވެސްމެއެވެ.
ކޯވިޑްގެ ނުރައްކާ ބޮޑު ލިސްޓުގައި ކުޑަކުދިން ނުހިމެނުނުނަމަވެސް ބައްޔާ ދެކޮޅަށް ބޭނުންކުރަން ފަށާފައިވާ ދިފާޢު މިކުދިންނަށް ދެވޭކަށް އަދި ނެތެވެ. މުޅި ހަގީގަތް ހޯދިފައިނުވާއިރު ބައްޔަށް އަންނަނީ އެކި ބަދަލުތައް އަންނަމުންނެވެ. އެހެންކަމުން މިބަލީގެ ނުރައްކާ ކުޑަކުދިންނަށް އޮތް މިންވަރު ސީދާ އަދި ހޯދިފައެއް ނެތެވެ. އެފަދަ ދިރާސާތަކެއް ކުރާނެ ވަގުތެއް އަދި ނުވެއެވެ. މިބަލީގައި ނިޔާވާ ކުޑަކުދިން މަދު ނަމަވެސް އެޢަދަދުތައް ދުނިޔޭގެ އެކި ޤައުމުތަކުން އަންނަނީ އިތުރުވަމުންނެވެ. މިކަން މަދުކުރެވޭނީ ބައްޔަށް ހުށައެޅޭ ކުޑަކުދިންގެ ޢަދަދު މަދުކުރެވިގެންނެވެ. އެކަން ކުރެވޭނީ މާބަނޑު އަންހެނުންނާއި ތުއްތު ކުދިންގެ ވަށައިގެން ތިބި މީހުން ބަލިން ސަލާމަތްވެގެންނެވެ.
މިބައްޔާއި ދެކޮޅަށް އެތައް ބަޔަކު މަސައްކަތްކުރަމުން އަންނައިރު ބައްޔަށް ހުށައެޅެމުން އަންނަ ތުއްތު ކުދިންގެ ޢަދަދު އަންނަނީ ރާއްޖޭގައިވެސް އިތުރުވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކުރައްވާގޮތުގައި މިދިޔަ މޭއިމަހު 400 އާ ގާތްކުރާ ޢަދަދަކަށް ތުއްތު ކުދިން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު މިއީ އަލަށް އުފަންވި ކުދިންނާއި އެއް އަހަރުން ދަށުގެ ކުދިންނެވެ.
މޭމަހަކީ މި ބަލީގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑުވި މަހެވެ. މޭމަހު އެކަނިވެސް 34516 މީހުންނަށް މި ބަލީ ރާއްޖެއިން ވަނީ ޖެހިފައެވެ. އޭގެތެރޭގައި 10 އަހަރުން ދަށުގެ 5000 ކުދިން ހިމެނޭކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނިމިދިޔަ މޭމަސް ފެށުނުއިރު ރާއްޖޭގައި ކޯވިޑްގެ ނަމްބަރުތައް ހުރީ 500 އިން ދަށުގައެވެ. އެހެންނަމަވެސް މިއަދަދުތައް މައްޗަށް އަރަމުން ގޮސް 1000 މައްޗަށް އަރާ ރެކޯޑް އަދަދުތަކަށް މީހުންވަނީ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
Over the past month, close to 400 newborns and children less than a year old has tested positive to COVID-19.
— Health Protection Agency (@HPA_MV) June 1, 2021
Limiting going out, and practicing safe behaviours can protect your loved ones from being infected with the virus. pic.twitter.com/uGWZhispb8
މި ބަލީގެ ނުރައްކަލަށް ކުޑަކުދިން ހުށައެޅެމުން އަންނައިރު ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވަނީ ބިރުވެރި ވާހަކައެކެވެ. ރާއްޖޭގައި ކޯވިޑަށް ހުށައެޅޭ ތުއްތު ކުދިންގެ ޙާލު މިހާރު ސީރިއަސްވަމުން އަންނަކަމަށެވެ. އެގޮތުން އެކި ސަބަބުތަކާއި ހެދި ދިފާޢީ ނިޒާމު ދެރަ ކުދިން ހިމެނޭކަން ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މީގެތެރޭގައި ފަރުވާ ދިނުމުގައި ބޭނުންކުރާ ސްޓެރޮއިޑް ބޭސް ބޭނުންކުރަމުންދާ ކުދިންނާއި ކެންސަރަށް ފަރުވާ ހޯދަމުންދާ ކުދިންނާއި އުފެދުމުގައިވެސް ދިފާޢީ ނިޒާމުގެ ބާރު ދަށް ކުދިންނާއި ކިޑްނީގެ ބަލިތައް ހުންނަ ކުދިންނާއި ބަރުދަން މާ މަތީގައި ހުންނަ ކުދިންނާއި އެނދުމަތިވެފައި ތިބޭކުދިން ހިމެނޭކަމަށް ޑރ.ފައިސަލް ވިދާޅުވެއެވެ.
މި ފަހަރުގެ ކޮވިޑު ރާޅުގައި ކުޑަކުދިންވެސް ވަރަށް ވަރަށް ބަލިވާންފަށައިފި?
— Ahmed Faisal (@Faisalnaifaru) June 1, 2021
ޚާއްޞަކޮށް؛
ދިފާޢީ ނިޒާމްދަށް ?( ސުޓެރއިޑް ފަދަ ބޭހުން ވިޔަސް ނުވަތަ ކެންސަރު ނޫނީ އުފެދުމުގައި ހުންނަ ކަމަކުން ވިޔަސް)
ކިޑްނީބަލި
ބަރުދަން މާމަތި
އެދުމަތިވެފައިތިބޭ ?
ކޯވިޑްގައި ބަލީގައި 208 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަ އާދައެވެ. އޭގެތެރެއިން 11 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭއިރު 7 އަހަރުގެ ތުއްތު ކުއްޖެއްވެސް މި ލިސްޓުގައި އެބަ ހިމެނެއެވެ. އަދި މި ބަލީގައި ރާއްޖެއިން މި ވަނީ ފުރަތަމަ ފަހަރަށް ތުއްތު ކުއްޖަކުވެސް ނިޔާވެފައެވެ.
ކޯވިޑްގެ ހާލަތު ގޯސްވުމުން ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން މިިދިޔަ ހަފްތާއިން ފެށިގެން ހުއްދަނެތި މަގުމަތީގައި އުޅުން މި ވަނީ މަނާކޮށްފައެވެ. ސިއްހީ މާހިރުން ވިދާޅުވީ ދެ ފަހްތާގެ މުއްދަތަށް އެޅި މި ފިޔަވަޅުތަކުން މި ބަލީގެ ނަމްބަރުތައް މަދުވެގެންދާނެކަމަށެވެ. އެހެންނަމަވެސް މަގުތަކުން ފެންނަނީ މި މަންޒަރެއް ނޫނެވެ. އަދިވެސް ގިނަ ބަޔަކު ކޮފީ ބުއިމާއި ބުރުޖެހުމުގައެވެ. މި ބުރާއި ކޮޕީ ނިންމާލަނީ ގޭގައި އިންނަ މުސްކުޅި މައިބަފައިންނާއި ތުއްތު ދަރިފުޅަށް ހަމައަށް ބަލީގެ ވައިރަސް އުފުލާދީގެންނެވެ.