ކޯވިޑް-19

ކޯވިޑް-19 : އިތުރު ދިވެއްސަކު ނިޔާވެއްޖެ


ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ނިޔާވެފައިވަނީ ޢުމުރުން 71 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިރޭ 22:30 ގައެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީން މި ބަލީގައި ނިޔާވި 3 ވަނަ މީހާއެވެ. މި ބަލީގައި މިއަދު 71 އަހަރުގެ ފިރިހެނަކާއި 61 ފިރިހެނަކު ވަނީ އެ ފެސިލިޓީގައި ވަނީ ނިޔާވެފައެވެ. އަދި އައްޑޫ ސިޓީން އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު ވަނީ ނިޔާވެފައެވެ. މި 4 މަރާއެކު، ކޯވިޑް ބަލީގައި ރާއްޖޭން ނިޔާވި މީހުންގެ ޢަދަދު މިވަނީ 148 އަކަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 132 ދިވެހިންނާއި، 16 ބިދޭސީންނެވެ.

މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑްގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިބަލީގައި 85 މީހުން ވަނީ ނިޔާވެފައެވެ. އެއީ 78 ދިވެހިންނާ 8 ބިދޭސީންނެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ނިޔާވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ ކޯވިޑްގައި ނިޔާވެފައެވެ.

ރާއްޖޭގަ މިހާތަނަށް 59،000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު 24،000 އަށްވުރެ މައްޗެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 285 އަށް އަރާފައެވެ.