ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ބޭއްވި ޤައުމީ ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކުޅިވަރު އެކުވެނީގައި ކުރިއަށްދިޔަ 50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް އާދިއްތަދުވަހުގެރޭ ނިންމާލާފައިވާއިރު، މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށާއި ޓީމުތަކަށް މެޑައްޔާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ފާއިދުއެވެ.
50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސްބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުޅިން އަލަށް ޤައުމީ މުބާރާތުގެ ފައިނަލްގައި ކުޅުނު ހައިޝަމް އިބްރާހީމް ޢަލީ އާއި ނަބާހާ ޢަބްދުއްރައްޒާޤެވެ. ޤައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާހާ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ނަބީހާ ޢަބްދުއްރައްޒާޤް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
މުބާރާތުގެ ޑަބަލްސް މެޗުތަކަށް ބަލާއިރު، ފިރިހެނުންގެ ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ހައިޝަމް އިބްރާހީމް ޢަލީ އާއި މުޙައްމަދު ޚަލަފް އިމްރާންގެ މައްޗަށް ކުރި ހޯދައިގެން ޒަޔާން ޒަކީ އާއި ނިބާލް އަހްމަދުގެ ޕެއާއިންނެވެ.
އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާހާ އާއި ނަބީހާގެ ޕެއާ ހޯދީ މައިސާ ފަތުޙުﷲ އާއި ޢާއިޝަތު އަފްނާން ރަޝީދުގެ ޕެއާ ބަލިކޮށްގެންނެވެ.
50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ އިވެންޓްތަކަށް ބަލާއިރު، ދެވަނަ ޑިވިޝަނުގެ އަންހެނުންގެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސީދާ ތިން ސެޓުން ޓޫޒީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެން އެމް ސްޕޯޓްސް ކުލަބެވެ. މި އިވެންޓުގެ ފިރިހެން ޗެމްޕިއަންކަން ރައިޒިން ސްޓާއިން ހޯދީ 3-2 އިން ސީއެސް ބަލިކޮށްގެންނެވެ.
ފުރަތަމަ ޑިވިޝަނުގެ ޓީމް އިވެންޓުތަކުން ފިރިހެން ޗެމްޕިއަންކަން ހޯދީ ރިވައިވަލް އިން ސްޕޯޓްސްގެ ޓީމެވެ. ރިވައިވަލް އިން ފައިނަލުގައި ޕޮލިސް ކުލަބް ބަލިކޮށްފައިވަނީ 3-1 އިންނެވެ. އަދި އަންހެން ޗެމްޕިއަންކަންވެސް ރިވައިވަލް އިން ސްޕޯޓްސް ކްލަބުން ހޯދާފައިވާއިރު، ސީއެސްގެ މައްޗަށް ރިވައިވަލް އިން ކުރި ހޯދާފައިވަނީ ސީދާ ތިން ސެޓުންނެވެ.