ޚަބަރު

ބިދޭސީންގެ ފީތައް ޤަވާއިދުން ދައްކާ ފަރާތްތަކަށް ލުއިތަކެއް


  • އެކްސްޕެޓް ސިސްޓަމަށް މިހާރު ދުވާލަކު 1700 އާއި 2000 ދެމެދު އެޕްލިކޭޝަން ލިބޭ

  • ވައިޓް ލިސްޓް ކުރުމުން 24 ގަޑިއިރު ތެރޭ އެފަރާތަކަށް ޚިދުމަތް ދެވޭނެ

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަމުގައި ޤަވާއިދާއި އެއްގޮތަށް ހަރަކާތްތެރިވާ ފަރާތްތަކަށް ލުއިތަކެއް ދެވޭނެ ނިޒާމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދަޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ނިޒާމުގެ ސަބަބުން ވަޒީފާދޭ ފަރާތްތަކަށް ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި އަވަސްވާނެ ކަމަށެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދެނެގަތުމުގެ އިތުރަށް ބިދޭސީންނާއި ގުޅޭ ޚިދުމަތްތައް ދޭ އެކްސްޕެޓް ސިސްޓަމަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މުޅި ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރިންނަށް ވަޒީފާ ދޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރުގެ ނައިބު އަޙުމަދު އަސަދު ވިދާޅުވީ މި ނިޒާމުގެ ތެރެއިން އެ ވުޒާރާއަށް ދުވާލެއްގެ މައްޗަށް ގިނަ އެޕްލިކޭޝަންތައް ލިބޭ ކަމަށެވެ. އެހެން ކަމުން ޤަވާއިދާއި އެއްގޮތަށް ހުރިހާ ފީއެއް ދައްކަމުން އަންނަ ފަރާތްތަކަށް ޚިދުމަތް ފަސޭހައިން ލިބޭނެ ނިޒާމެއް ފަރުމާކުރަމުންދާކަން ވަނީ ހާމަކޮށްފައެވެ.

"ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅުގަނޑުމެން މިހާރު ޓާގެޓް ކުރަމޭ ވައިޓް ލިސްޓެޑް އެމްޕްލޯއީސް ޕްރޮގްރާމެއް ފަށަން އެއީ ވާހަކައަކީ، އެއީ އެއްވެސް ވަރަކަށް ބްލެކް ލިސްޓް ނުވާ ޤަވާއިދު ވޯކް ޕާމިޓް ފީތަކާއި ކޯޓާ ފީތައް ދައްކާ ފަރާތްތަކަށް ތަންކޮޅެއް ސްޓްރީމްލައިންކޮށް އެޕްލިކޭޝަން އަވަހަށް ޕްރޮސެސްވެގެން ދިއުން. ވަރަށް ބައިވަރު އެޕްލިކޭޝަންތައް ކޮންމެ ދުވަހަކު އާދޭ. 1700 އާއި 2000 ދެމެދު އާދޭ. އޭގެ ތެރެއިން ވައިޓް ލިސްޓެޑް އެމްޕޯޔާސްގެ އެއްޗިއްސަށް ސްޓްރީމްލައިންވެގެންދާނޭ. " އަސަދު ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާގެ ދަށުން މިހާރު ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓަމުން އަންނައިރު، އެ ވުޒާރާގެ ދަށުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީންގެ ކޯޓާއަށް އެދުމާއި މަސައްކަތް ކުރާ ސައިޓް ރަޖިސްޓްރީ ކުރުމާއި އެކި ފީތައް ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެއެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވީ ވައިޓް ލިސްޓެއް ތަޢާރަފް ވުމުން، ޚިދުމަތް ހޯދުމުގައި މިހާރު ހުރި ލަސްތައް ޤާވައިދާ އެއްގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް އަވަސް ވެގެންދާނެ ކަމަށެވެ. މިކަން ކުރާނީ ރޭޓިން ނިޒާމެއްގެ ތެރެއިންކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރުގެ ނައިބު އަޙްމަދު އިބްރާހީމް ދީދީ ވިދާޅުވިއެވެ.

"ޤަވާއިދާ އެއްގޮތަށް ގެންގުޅެ ރޭޓިން މަތިވާ ވަރަކަށް، މި ޚިދުމަތް ލިބިގެންދާނެ، އެބޭފުޅުންނަށް އެ ޚިދުމަތް އަވަށް ވެގެންދާނެ. ވޯކް ޕާމިޓަށް އެޕްލައި ކުރިއަށް ސައިޓް ރަޖިސްޓްރީ ކުރަން އެޕްލައި ކުރިއަސް އެބޭފުޅުންނަށް ޚިދުމަތް ލިބިގެންދާނެ. މިއީ އަޅުގަނޑުމެން މިގެންނަ ބަދަލުތަކަކީ. ހަމައެއާއެކު، ވައިޓް ލިސްޓުގެކޮށްގެން މިގޮތަށް ކުރިއަށް ގެންދިޔައީމަ. ކުރިއަށް އޮތްތާ ހުރިހާ ބޭފުޅުންވެސް ބޭނުންވާނެ ޚިދުމަތް ލިބިގަންނަން. ޚިދުމަތް ލިިބިގެންދިޔާއީމަ އެބޭފުޅުނަށް 24 ގަޑިއިރު ތެރޭ ޚިދުމަތް ލިބިގެންދާނޭ." އަޙްމަދު އިބްރާހީމް ދީދީ ވިދާޅުވިއެވެ.

ސަރުކާރުން މިހާތަނަށްވެސް ނިޒާމަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ޤަވާއިދުން ފީ ނުދައްކާ ފަރާތްތަކާއި ޖޫރިމާނާވެ ފައިސާ ނުދައްކާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތް މެދުކަނޑާލައެވެ. މީގެ އިތުރުން ޖޫރިމަނާތައް ހުރި ފަރާތްތައް އަތުން ޖޫރިމާނާ ފައިސާ ހޯދުމުގެ މަސައްކަވެސް ދަނީ ކުރަމުންނެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއިން މަސައްކަތްތަކާއި ހަވާލުވއިރު، ކޯޓާ ފީއާއި ޖޫރިމަނާ ހިމެނޭހެން ދައުލަތައް ބިދޭސީންނާއި ގުޅުންހުރި 1.7 ބިލިޔަން ރުފިޔާ ނުލިބިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މިވީ މުއްދަތުގެ ތެރޭގައި ކޮށްފައިވާ މަސައްކަތުން 1.2 ބިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ. ބޮޑު އަދަދުން ޖޫރިމާނާ ވެފައި ހުރި ފަރާތްތަކަށް އިންސްޓޯލްމެންޓް އުސޫލުން ފައިސާ ދައްކަންވެސް ދަނީ ފުރުސަތު ދެމުންނެވެ.