ޚަބަރު

ސޯޝަލް ސެންޓަރުގައި ސާމްޕަލް ނަގާ ސެންޓަރެއް


ކޯވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގާ ސެންޓަރެއް ސޯޝަލް ސެންޓަރުގައި ޤާއިމުކޮށްފިއެވެ. ކޯވިޑް ބަލި ފެތުރޭ މިންވަރު އިތުރުވުމާއެކު، ޓެސްޓުކުރާ މިންވަރުވަނީ އިތުރުކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ސޯޝަލް ސެންޓަރުގެ ސާމްޕަލް ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ލިބޭނީ، ސޯޝަލް ސެންޓަރު ބޭރު މަގާވީ ފަޅިން ހުންނަ ގޭޓުންކަމަށެވެ. ސާމްޕަލް ނެގުން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ މެންދުރު 01:00އިން މެންދުރު ފަހު 03:30އާ ހަމައަށެވެ.

ސާމްޕަލް ނަގާ ސެންޓަތުރައް އިތުރުކޮށްފައިވަނީ މާލޭގައި ބަލި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން، ތޮއްޖެހުން ކުޑަކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަލަށް ފެށި ސާމްޕަލް ކަލެކްޝަން ސެންޓަރާއެކު މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން 6 ސެންޓަރުން އަންނަނީ ސާމްޕަލް ނެގުމުގެ ޚިދުމަތް ދެމުންނެވެ. އެއީ މާލެހިޔާ ފުލޫ ކްލިނިކާއި، ހުޅުމާލެ ފްލޫ ކްލިނިކް، ވިލިމާލެ ފްލޫ ކްލިނިކް، ސެނަހިޔާ، އަދި ހެންވޭރު މުނިއުފާ ސާމްޕަލް ކަލެކްޝަން ސެންޓަރެވެ.

ކޯވިޑް19 ބަލި ޖެހިފައިވާ މީހަކާ ބައްދަލުވެ ނުވަތަ ޑައިރެކްޓް ކޮންޓެކްޓެއްނަމަ މާލޭގައި ސާމްޕަލް ނަގަން ދާންޖެހޭނީ މާލެހިޔާ ފްލޫ ކްލިނިކަށެވެ. ކޮންޓެކްޓެއް ނޫން ނަމަވެސް ބަލީގެ އަލާމާތްތައް ހުރިނަމަ މާލޭގައި ދާންޖެހޭނީ ސެނަހިޔާ ފްލޫ ކްލިނިކަށެވެ.

ވިލިމާލެއާ ހުޅުމާލޭގައި، ބަލީގެ އަލާމާތް ފެންނަ ހުރިހާ މީހުންވެސް ދައްކަންޖެހޭނީ ފްލޫ ކްލިނިކްތަކަށެވެ.
އަލާމާތްތައް ނުފެންނަ މީހުންނަށް ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ސާމްޕަލް ނެގޭނެއެވެ. އެއީ ހެންވޭރު މުނިއުފާ އަދި ސޯޝަލް ސެންޓަރުގައި ހަދާފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުންނެވެ.

މާލޭގެ ސާމްޕަލްނަގާ ސެންޓަރުތަކުން ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ޚިދުމަތްދޭނީ ހެނދުނު 09:00އިން 15:30އަށެވެ. ހުކުރު ދުވަހު ޚިދުމަތްދޭނީ ހެނދުނު 10:00އިން 11:30އަށް އަދި މެންދުނު 13:30އިން ހަވީރު 16:00އަށެވެ. ހުޅުމާލޭގެ ސެންޓަރު ހުޅުވާފަ ހުންނަނީ މެންދުރު 13:00އިން ހަވީރު 16:00އަށެވެ. ވިލިމާލޭގެ ސެންޓަރުން ޚިދުމަތް ދޭނީ މެންދުރު 14:30އިން ހަވީރު 16:00އަށެވެ.

އެވަރެޖްކޮށް ކޮންމެ ދުވަހަކު 4000 ސާމްޕަލް ރާއްޖޭގަ ޓެސްޓުކުރެއެވެ.