ކުޅިވަރު

ބަލިވުމުން މޮރީނިއޯ: ރެފްރީންގެ ފެންވަރެއް ނެތް، ދެ ރަތްކާޑު ނުދެއްކި


އެތްލެޓިކޯގެ މެޑްރިޑް އަތުން ރެއާލް މެޑްރިޑް ބަލިވުމުން ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ބޮޑަށް ރެފްރީންނަށް ފާޑުކިޔައިފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ރެފްރީ މިގުއެލް އެންޖެލް އޯޓިޒް އަރިއާސް އަކީ ސްޕެނިޝް ލީގުގެ އެންމެ ވާދަވެރި މެޗުތަކުގައި ރެފްރީކަން ކުރާ ފެންވަރުގެ ރެފްރީއެއް ނޫން ކަމަށެވެ.

"އޭނާ އަކީ އިންޓަނޭޝަނަލް މެޗުތަކެއް ކުރި މީހެއް ނޫން. މި ރެފްރީންގެ ފެންވަރު ވަރަށް ދަށް. މި ފެންވަރުގެ ޑާބީ (ވާދަވެރި) މެޗުތަކުގައި ރެފްރީކަން ކުރުމުގެ ތަޖުރިބާ އާއި ތޫނުފިލިކަން ނެތް،" ތަޖުރިބާކާރު ކޯޗު ބުންޏެވެ.

އޭނާ ވަނީ މެޗުގައި އެތްލެޓިކޯގެ ދެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކަން ޖެހޭ ކަމަށް ބުނެފަ އެވެ.

"ވިސްނާ މި މެޗު 9 ކުޅުންތެރިންނާއި 11 ކުޅުންތެރިން ތިބެގެން ކުޅުން ޖެހުނުނަމަ ވާނެ ގޮތް. ރެފްރީގެ ފެންވަރު ވަރަށް ދަށް. ދެން އަހަރެން އެންމެ ހައިރާންވާ ކަމަކީ މެޗުގެ ދެ ހަފުތާ ކުރިން މި މެޗުގެ ރެފްރީކަން ކުރާނެ މީހާ އިއުލާނު ކުރީމަ. މީގެ ސަބަބުން ހަގީގަތުގައި ރެފްރީން ވެސް ޕްރެޝަރަށްދޭ،" ރެއާލްގެ ޑިފެންޑަރު ޑީން ހިއުސެން އަށް ރަތްކާޑު ދައްކާފައިވާތީވެ އެކަމަށް ވެސް އިޝާރާތް ކުރަމުން މޮރީނިއޯ ބުންޏެވެ.

އޭނާ އަދި ބުނީ ސްޕެނިޝް ލީގުގައި ރެފްރީން ފަރާތުން ރެއާލްގެ ކުޅުންތެރިންނަށް ދިމާވަނީ އާދައިގެ ކަންކަން ނޫން ކަމަށެވެ.

މި ނަތީޖާ އަކީ މި ސީޒަނުގައި ސްޕެނިޝް ލީގުގައި ރެއާލް ބަލިވި ދެ ވަނަ މެޗެވެ. މިއާއެކު ހަތް މެޗުން ރެއާލް އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. މިއީ ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށް 21 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައިވާ ބާސެލޯނާ އަށް ވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ. އަދި މި ނަތީޖާއާއެކު 16 ޕޮއިންޓާއެކު އެތްލެޓިކޯ ވަނީ ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ރެއާލް އޮތީ ހަތަރުވަނާގަ އެވެ. ދެ ވަނާގައިވަނީ 18 ޕޮއިންޓާއެކު ރެއާލް ބެޓިސް އެވެ.