ކޯވިޑް-19

ކޯވިޑް-19 : އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި


އައްޑޫ ސިޓީ ކައުންސިލް އިދާރާއާއި އެ އިދާރާގެ ދަށުން ހިންގަމުންދާ އަވަށު އޮފީސްތަކުން ދެމުންދާ އެންމެހާ ޚިދުމަތްތައް ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެގޮތުންނެވެ.

މިކަމާގުޅޭގޮތުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އެންގުމުގައި ވިދާޅުވެފައިވަނީ ކޯވިޑް-19 އާ ގުޅިގެން، ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އައްޑޫ ސިޓީ މޮނިޓަރިންގއަށް ލާފައިވާތީއާއި މިވަގުތު އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ވަކިގޮތެއް އަންގަންދެން، އައްޑޫ ސިޓީ ކައުންސިލްގެ އެންމެހާ ޚިދުމަތްތައް ދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ. އަދި އެ އިދާރާގެ ދަށުން ހިންގަމުންދާ އަވަށު އޮފީސްތަކުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

ކައުންސިލް އިދާރާއިން ދެމުންގެންދާ ޚިދުމަތްތައް ދިނުން މެދުކަނޑާލި ނަމަވެސް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި، ސޯޝަލް ސަޕޯޓް ޑެސްކްތަކުން ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ސިޓީން 9 މީހަކު ވަނީ ކޯވިޑް-19 އަށް އަލަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިތަދޫން ޕޮޒިޓިވްވި 6 މީހަކާއި، ހުޅުދޫން ޕޮޒިޓިވްވި 2 މީހެއްގެ އިތުރުން ސައުތުޕާމު ރިސޯޓުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ. މިއާއެކު އެ ސިޓީން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިވަނީ 201 އަށް އަރާފައެވެ. އަދި 163 މީހަކަށް މިވަގުތުވެސް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން 6 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހިތަދޫންނެވެ. އެގޮތުން އެ އަވަށުން އެކަނިވެސް 92 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އައްޑޫއިން ފެނުނު ޕޮޒިޓިވް ކޭސްތަކާގުޅިގެން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 514 މީހަކު ދެނެގަނެވިފައިވާއިރު، މިި ބައްޔަށް ޓެސްޓްކުރުމަށްޓަކާ މިދިޔަ އޭޕްރީލްމަހުގެ 30 އިން ފެށިގެން މިހާތަނަށް 3097 ސާމްޕަލެއް ވަނީ ނަގާފައެވެ.

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެގޮތުން އައްޑޫސިޓީ މޮނިޓަރިންގއަށްލާ، އެ ސިޓީގައި ވަނީ ކާފިޢު އިޢުލާންކޮށްފައެވެ. އެގޮތުން ހަވީރު 4 އިން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން އެންގުމުގެ އިތުރަށް ކުޅިވަރާއި ކަސްރަތު ހަރަކާތްތައްވެސް ހުއްޓާލުމަށްވަނީ އަންގާފައެވެ. ކެފޭތަކުގެ އެތެރޭގައި ޚިދުމަތް ދިނުން މަނާކޮށްފައިވީ ނަމަވެސް ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.