ޚަބަރު

ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގއަށް ދޫކޮށްފައިވާ ހުއްދަ އަތުލައިފި


އައްޑޫ ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގގެ މަޤާމުގައި ހުރި ސުރަންޖަން ޑި.ސިލްވާ، އެމަޤާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ އަތުލައިފިއެވެ.

އައްޑޫ ފްލައިންގ ސްކޫލް މައްސަލައިގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން އައްޑޫސިޓީ ގަމުގައި ހިންގާ ފްލައިންގ ސްކޫލްގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި، ފުރިހަމަކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭގޮތެއްގައި ކުރިއަށްގެންދިއުމަށް ފްލައިންގ ސްކޫލުގެ މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންނުދާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ މައްސަލަ ބެލުމަށްފަހު ފްލައިންގ ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގގެ މަޤާމުގައި ހުރި ސުރަންޖަން ޑި.ސިލްވާ އެ މަޤާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން މިމަހުގެ 23 އިން ފެށިގެން އަތުލުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފްލައިން ސްކޫލްގެ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލްގެ އެކައުންޓަބަލް މެނޭޖަރުގެ މަޤާމުގައި ހުރި ޢަލީ އަކުބަރު ޖީވަންޖީ، އެ މަޤާމުގައި ހުރުުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެކަމުގެ އެންމެފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިޔުމުންދީފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިކަން ހާމަކުރައްވާފައިމިވަނީ ފްލައިންގ ސްކޫލްގެ އިސް މަޤާމެއްގައި ތިބި ދެފަރާތެއްގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އަންގަވާފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ފްލައިން ސްކޫލްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މުހިއްމު ނިންމުންތަކެއް ނިންމަވާފައިވާކަމަށެވެ. އެގޮތުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ސިވިލް އެވިއޭޝަން އޮތޯރިޓީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅިގެން ފްލައިން ސްކޫލްގެ އިސް ދެބޭފުޅެއްގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅުއެޅުމަށްވެސް ރައީސްވަނީ ނިންމަވާފައެވެ. ރައީސްގެ މިއެންގެވުމާ ގުޅިގެން ފިޔަވަޅުއެޅުމަށް ނިންމާފައިވަނީ ފްލައިން ސްކޫލްގެ އެކައުންޓެބަލް މެނޭޖަރ ޢަލީ އަކްބަރު ޖީވަންޖީއާއި ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ ކެޕްޓަން ސުރަންޖަން ޑީ ސިލްވަރއަށެވެ.

މީގެއިތުރުން ރައީސްވަނީ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުން އަންނާތީ އެލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރައްވާފައެވެ.

ބީއެމްއެލްގެ ލޯނު ސްކީމްގެ ދަށުން 15 ކުއްޖަކު އަންނަނީ ފްލައިން ސްކޫލްގައި ކިޔަވަމުންނެވެ. މިދަރިވަރުންގެ ފީގެ މައްސަލަ ބޮޑުވެފައިވާއިރު ކުދިން ކިޔެވުމަށް ނަގާފައިވާ ލޯނު ދައްކަންޖެހޭ މުއްދަތުވެސް ސަރުކާރުންވަނީ މީގެކުރިން އިތުރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އަދިވެސް މައްސަލަ މުޅިން ހައްލުވެ ކުދިންގެ ކިޔެވުން ނުނިމި ދިގުލައިގެން ގޮސް ކުދިން ނަގާފައިވާ ލޯނުގެ އިންޓްރެސްޓް އަރަމުން އަންނާތީ އެކަން ސަރުކާރުންވަނީ މިހާރު ހައްލުކޮށްދެއްވާފައެވެ. އައްޑޫ ފްލައިން ސްކޫލްގެ މައްސަލަ ދިގުލައިގެން ދިޔުމާ ގުޅިގެން އެކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.

އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަރިވަރުންގެ ކިޔެވުމާމެދު ގިނަ ޝަކުވާތަކެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު މައްސަލަ ބަލާފައިވާ އެކި އިދާރާތަކުންވަނީ މިކަމުގައި ގިނަ އިހުމާލުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. މި މައްސަލަ ތަޙްޤީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ގުޅޭ ކޮމިޓީންވަނީ އައްޑުއަށް ގޮސް އެތަނުގެ ވެރިންނާއި ދަރިވަރުންނާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ސިވިލް އޭވިއޭޝަން މިނިސްޓަރ ޢައިޝަތު ނަހުލާއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަންވެސްވަނީ ހާޒިރުކުރައްވާފައެވެ.

ފްލައިން ސްކޫލްގެ މައްސަލަތަކުގެ ތެރޭގައި އެތަނުގައި ކިޔަވައިދެމުން އަންނަ 170އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާވަރަށް މުދައްރިސުންނެތުމާއި ފްލައިންގެ ގަޑި ހަމަކުރުމަށާއި ކިޔެވުމުގައި ބޭނުންކުރާނެ ބޯޓު ނެތުމުގެ މައްސަލަވެސްވަނީ ފެންމަތިވެފައެވެ.