ކޯވިޑް-19

އެފްއޭއެމް ހައުސްގައި ހަދާ ފްލޫ ކްލިނިކްގެ ބޮޑުބައެއް ނިމިއްޖެ


އެފްއޭއެމް ހައުސްގައި ހަދާ ފްލޫ ކްލިނިކްގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެފްއޭއެމް ހައުސްގައި ފުލޫ ކްލިނިކެއް ހެދުމުގެ މަސައްކަތް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ހަވާލުކޮށްފައިވަނީ އެމް.އެން.ޑީ.އެފްއާއެވެ. އަދި މިދިޔަ ހޯމަދުވަހު އެމްއެންޑީއެފްއިން ވަނީ އެމަސައްކަތް ފަށާފައެވެ.

އެމް.އެން.ޑީއެފް ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކުރަމުންދާ މި މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ، އެމް.އެން.ޑީ.އެފް ސަރވިސް ކޯރގެ ދަށުން މަސައްކަތްކުރާ ޔުނިޓްތައް ކަމުގައިވާ މިލިޓަރީ އިންޖިނިއަރސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިންނެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، ފްލޫ ކްލިނިކް ހެދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާކަމަށެވެ. އަދި އެތަނުގެ މަސައްކަތުގެ ގާތްގަނޑަކަށް 70 އިންސައްތަ މިހާރު ނިމިފައިވާއިރު، އަމާޒަކީ ވީ އެންމެ އަވަހަކަށް މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެގޮތުން، އެތަނުގައި ކަރަންޓް ވަޔަރުކުރުމާއި، ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާއި، ތަނުގެ ތެރޭގައި ހަރުކުރަންޖެހޭ ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމާއި، ކުލަލުމާއި އަދި ބައެއް ސިމެންތި މަސައްކަތްތައްވެސް ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވިއެވެ.

އެފް.އޭ.އެމް ހައުސްގައި ފްލޫ ކްލިނިކެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެތަނުގެ އިންސްޕެކްޝަން މަސައްކަތްތައް ކުރިއަށްދިޔަގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ބައްލަވާލައްވާފައެވެ.

ސިފައިން ކުރަމުންދާ މި މަސައްކަތުގައި، ސަރުކާރުގެ އެހެނިހެން އެޖެންސީތަކާއި ކުންފުނިތަކުންވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ އިތުރުން އެސްޓީއޯ އަދި ވެމްކޯ ހިމެނެއެވެ.

ޕީ.އެސް،އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗް.އީ.އޯ.ސީން ވިދާޅުވީ، މާލޭގައި މިހާރު ހިންގަމުންދާ ފްލޫ ކްލިނިކްތަކާ ޚިލާފަށް އެފް.އޭ.އެމް އިމާރާތުގައި ހަދާ ފްލޫ ކްލިނިކް ބޮޑަށް ޚާއްސަކުރާނީ ކޯވިޑް-19 ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށްކަމަށެވެ. އެގޮތުން އެފަރާތްތައް ޑޮކްޓަރަށް ދެއްކުމާއި، ދެންވެސް ބޭނުންވާ އެހެނިހެން އައުޓް ޕޭޝަންޓް ޚިދުމަތްތައް އެ ކްލިނިކުން ލިބިގެންދާނެކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވިއެވެ.

ފްލޫ ކްލިނިކްތަކުގެ ގޮތުގައި މިވަގުތުވެސް މާލޭ ސަރަޙައްދުގައި 4 ތަނެއް ދަނީ ބޭނުންކުރަމުންނެވެ. އެއީ ސެނެހިޔާ ހޮސްޕިޓަލާއި، މާލޭ ހިޔާ ފުރަގަހުގައި ހަދާފައިވާ ކްލިނިކާއި، ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލެވެ.

ކޯވިޑްގެ ޙާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެ، ބަލި ޖެހޭ މީހުންގެ މިންވަރު ރެކޯޑް އަދަދަކަށް މިވަނީ އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް މާލޭ ސަރަޙައްދުން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ދަނީ މި ބައްޔަށް ޕޮޒިޓިވްވަމުންނެވެ. މިއާއެކު ބައްޔަށް ފަރުވާ ދިނުމާއި، ޓެސްޓްކުރުމުގެ ކަންކަން މިހާރަށްވުރެ ފުޅާކޮށް ކެޕޭސިޓީ އިތުރުކުރުމުގެގޮތުން ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރު ފަންގިފިލާތަކާއި ހުޅުމާލޭ ހޮސްޕިޓަލްވެސް ކޯވިޑް ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް މިވަގުތު ދަނީ ބޭނުންކުރަމުންނެވެ. އަދި މިކަމުގައި ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކާއި ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.