ކޯވިޑް-19

ކޯވިޑް-19 : ބަލިޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ރާއްޖޭން ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ނިޔާވެފައިވަނީ 63 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް މިރޭ 11:53 ގައިކަމަށެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭ ރާއްޖޭގައި މި ބަލީގައި ނިޔާވި 5 ވަނަ މީހާއެވެ.

މިއަދު މި ބަލީގައި ނިޔާވި އަނެއް 4 މީހުންނަކީވެސް ދިވެހިންނެވެ. މި 4 މީހުންގެ ތެރެއިން ފުރަތަމަ ނިޔާވި 86 އަހަރުގެ ދިވެހި ފިރިހެނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މި މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:24 ގައެވެ. ދެން މިބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މިމިހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 06:30 ގައެވެ.

މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި 3 ވަނަ މީހަކީ 86 އަހަރުގެ ދިވެހި އަންހެނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔުގައި ފަރުވާދެމުން ގެންދަނިކޮށް މި މީހާ ނިޔާވީ ހެނދުނު 09:05 ގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. 4 ވަނަ މި ބަލީގައި ނިޔާވެފައިވަނީ 78 އަހަރުގެ ދިވެހި ފިރިނެކެވެ. އޭނާ ނިޔާވެފައިވަނީ އައި.ޖީ.އެމް.އެޗްގެ އިމަރޖެންސީގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު 12:48 ގައެވެ.

މި 5 މީހުންނާއި އެކު މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 92 އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 79 ދިވެހީންނާއި، 13 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް ބަލި ހަލުވިކޮށް ފެތެރެން ފަށައި ދުވާލެއްގެ މައްޗަށް މި ބަލިޖެހޭ މީހުންގެ އަދަދު މިހާރު މިވަނީ 1،000 ހުރަސްކޮށްފައެވެ. އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެތެރޭގައިވެސް 1،467 މީހަކަށް ރާއްޖެއިން މި ބަލިޖެހިފައިވެއެވެ. އޭގެތެރޭގައި ހިމެނީ މާލޭ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވި 1،267 މީހަކާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 182 މީހެކެވެ. މީގެއިތުރުން ރިސޯޓަކުން 18 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 15،003 އަރާފައިވާއިރު މީގެތެރެއިން 290 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖޭގައި މި ބަލި ފެތުރުން އިތުރުވެ މިބަލި ޖެހޭ ޒުވާނުންނާއި ކުޑަކުދިންގެ އަދަދުވެސް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އަދި ބަލީގައި ހާލު ބޮޑުވާ ޒުވާނުންގެ އަދަދުވެސް އިތުރުވަމުން އަންނަކަން ސިއްހީ އޮފިޝަލުންވަނީ ހާމަކޮށްފައެވެ.