ކޯވިޑް-19

މާދަމާ ވެކްސިން ޖެހުން ކުރިއަށްދާނީ ހެނދުނު 9އިން 11އަށް


ރަމަޟާން މަސް ނިމުމާއެކު ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާ ގަޑިތަކަށް އެޗް.ޕީ.އޭއިން ބަދަލުގެނެސްފިއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ފުރަތަމަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކަންކަން މާލެއާއި އަތޮޅުތަކުގައި އޭރު ކުރިއަށްގެންދިޔައީ ދުވާލުގެ ވަގުތުތަކުގައެވެ. ނަމަވެސް ރަމަޟާންމަސް ފެށުމާއެކު ވެކްސިން ޖެހުމުގެ ކަންކަން ރޭގަނޑަށް ވަނީ ބަދަލުކޮށްފައެވެ.

މިބަދަލާއެކު ވެކްސިން ސެންޓަރުތަކުގައި ބޮޑެތި ކިއުތަކެއް ހަދައި ވެކްސިން ޖެހުމަށް އެތައް ވަގުތެއް ހޭދަވާކަމުގެ ޝަކުވާ އާއްމުން ކޮށްފައިވެއެވެ. މިއާއެކު އޮންލައިންކޮށް ޓޯކަން ދޫކުރުމުގެ ކަންކަން ވަނީ ތަޢާރަފުކޮށްފައެވެ. ރަމަޟާންމަހުގެ ތެރޭގައި ވެކްސިން ޖެހުން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ރޭގަނޑު 9އިން 11 ޖެހުމާ ހަމައަށެވެ. ނަމަވެސް ފަހުން ވަނީ 45 މިނެޓް އިތުރުކޮށްފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މާދަމާ މާލޭ ސަރަޙައްދުގައި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ދިނުން ކުރިއަށްދާނީ ހެނދުނު 9އިން 11 ޖެހުމާހަމައަށްކަމަށެވެ. އެގޮތުން ނެޝެނަލް އާރޓް ގެލަރީ، ވިލިމާލޭ ޔޫތު ސެންޓަރު އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި މި ގަޑިތަކުގައި ވެކްސިން ދިނުން ކުރިއަށްދާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މާލޭ ސަރަޙައްދުގައި ވެކްސިނުން ދިނުން އަލުން މިފަށަނީ ފިތުރު ޢީދާ ދިމާކޮށް ވެކްސިން ދިނުން މެދުކަނޑާލުމަށްފަހުއެވެ. ވެކްސިން ސެންޓަރުތަކަށް ވެކްސިން ޖެހުމަށް ގިނަ ބަޔަކު ކިޔު ހަދާތީ އެކަމަށް ލުޔެއް ދިނުމުގެގޮތުން އެޗް.ޕީ.އެއިން ވަނީ ކިއުބީ މެދުވެރިކޮށް ވެކްސިން ޖެހުމަށް އޮންލައިންކޮށް ޓޯކަން ދޫކުރަން ފަށާފައެވެ. ނަމަވެސް މާދަމާ ވެކްސިންގެ ކަންކަން ކުރިއަށްދާއިރު، އޮންލައިންކޮށް ޓޯކަން ދޫނުކުރާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ސިނޯފާމް ވެކްސިން ޖެހޭނެއެވެ. އަދި ފުރަތަމަ ޑޯޒް ޖަހާތާ 3 ހަފްތާވެފައިވާ ފަރާތްތަކަށް މި ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެއެވެ.

ރަމަޟާންމަސް ނިމުމާއެކު، މާލޭ ސަރަހައްދުގައި ހުރި ފްލޫ ކްލިނިކްތަކާއި، ސާމްޕަލް ނަގާ ސެންޓަރުތަކުން ޚިދުމަތްދޭ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ސެނެހިޔާއިން ހެނދުނު 9 އިން މެންދުރު 2 އަށް އަދި ރޭގަނޑު 8 އިން 12އަށް ޚިދުމަތްދޭނެއެވެ. އަދި މާލެހިޔާ ބިމުގައި ހުރި ސެންޓަރުން ހެނދުނު 10 އިން ރޭގަނޑު 10 އަކަށް އަދި ހުޅުމާލޭ ފްލޫ ކްލިނިކުން ހެނދުނު 8އިން ހަވީރު 5:30އަށް އަދި ރޭގަނޑު 7 އިން 9އަށް ޚިދުމަތްދޭނެއެވެ. މީގެ އިތުރުން ވިލިމާލޭ ފްލޫ ކްލިނިކުން ހެނދުނު 11އިން މެންދުރު 2އަށް ޚިދުމަތްދެމުުންދާނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގާ ސެންޓަރުތައް ހުޅުވިފައި ހުންނާނެ ގަޑިތަކަށް ބަލާއިރު، ހެންވޭރު މުނި އުފާއިން ހެނދުނު 9އިން މެންދުރުފަހު 3:30 އަށް ސާމްޕަލް ނެގޭނެއެވެ. އަދި ހުޅުމާލެއިން މެންދުރު 1 އިން ހަވީރު 4 އަށް، ވިލިމާލެއިން މެންދުރު 3 އިން ހަވީރު 4 އަށް ސާމްޕަލް ނެގޭނެއެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ މި ބަދަލުތައް ގެނެސްފައިވަނީ މިމަހުގެ 15 އިން 19ގެ ނިޔަލަށްކަމަށެވެ.