ކޯވިޑް-19

ކޯވިޑް-19 : އިތުރު 1،467 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 42،000އިން މައްޗަށް


ރާއްޖެއިން އިތުރު 1،467 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ފަހަކަށް އައިސް ރާއްޖޭން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް ވަރަށް ބޮޑަށް މައްޗަށް ޖެހިފައިވާއިރު، މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 42،000އަށްވުރެ މައްޗަށް އަރާފައެވެ. އެޗްޕީއޭއިން މަޢުލޫމާތު ދެއްވިގޮތުގައި މިއަދުގެ ޕޮޒިޓިވް ޢަދަދުތަކުގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދަކީ 939އެވެ. އަދި 528 މީހުންނަކީ މީގެ ކުރިން ނަގާފައިވާ ސާމްޕަލްތަކުން ޕޮޒިޓިވްވެފައިވާ ބައެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ޕޮޒިޓިވްވި 1،467 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން އެއް ހާހަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން 1،267 މީހަކު މާލެ ސަރަޙައްދުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 182 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން ރިސޯޓަކުންވެސް 18 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 42،775 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 244 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 27،672 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތުވެސް 15،003 މީހުން މި ބައްޔަށް ފަރުވާ ހޯދަމުންދާއިރު، މީގެތެރެއިން 290 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5،037 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން 91 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 78 ދިވެހިންނާއި 13 ބިދޭސީންނެވެ.