ކޯވިޑް-19

ކޯވިޑް-19 : ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަދީފި


ކޯވިޑް-19އިން ދިފާޢުވުމަށް ރަޝީއާއިން އުފައްދާފައިވާ ސްޕަޓްނިކް-ވީ ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ޖެހުމަށް ހުއްދަ އެމް.އެފް.ޑީ.އޭއިން ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

މި ވެކްސިނަށް ހުއްދަދީފައިވަނީ މިހާރު އޮތް ޙާލަތަށް ރޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަރޖެންސީ ސިޓުއޭޝަން" ގައި ބޭނުންކުރުމަށެވެ. މިއީ ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމަށް ހުއްދަދީފައިވާ 4 ވަނަ ވެކްސިނެވެ.

ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަށް އެމް.އެފް.ޑީ.އޭއިން ދީފައިވަނީ މިކަމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށްފައިކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި މިކަމުގައި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝެނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔަޔާ މަޝްވަރާއާއެކުކަމަށްވެސް އެމް.އެފް.ޑީ.އޭއިން ވިދާޅުވެފައިވެއެވެ.

ސްޕަޓްނިކް-5 ވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއްކަމަށްވާ "ދި ގަމާލޭޔާ ނޭޝެނަލް ސެންޓަރ އޮފް އެޕިޑާރމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ" އިންނެވެ. އަދި ދުނިޔޭގެ 66 ޤައުމެއްގައި އިމަރޖެންސީ ޔޫސް އެޕްރޫވަލް ލިބި، މިހާރުވެސް އަންނަނީ މި ވެކްސިން ބޭނުންކުރަމުންނެވެ.

މި ވެކްސިން ބަހައްޓަންޖެހޭނީ -18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ. އެމް.އެފް.ޑީ.އޭއިން މި ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިން ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެންނެވެ. އަދި އެމް.އެފް.ޑީ.އޭއާއި މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުންދާނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެފައިވެއެވެ.

އާއްމުގޮތެއްގައި ކޮންމެ ވެކްސިނަކީވެސް އެ ވެކްސިނެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރިއެކްޝަނެއް އައުމުގެ ފުރުޞަތު އޮންނަ ވެކްސިނެއްކަން އެމް.އެން.ޑީ.އޭއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކުރިއެކޭވެސް އެއްފަދައިން ސްޕަޓްނިކް ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެ އޮތޯރިޓީއާއި، ހެލްތު މިނިސްޓްރީ އަދި އެޗް.ޕީ.އޭ ގުޅިގެން ގާތުން ބަލަމުންދާނެކަމަށް އެމް.އެފް.ޑީ.އޭއިން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވެކްސިން ޖެހުން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. އެގޮތުން 3 ވެކްސިނެއް ޖެހުމުގެ ކަންކަން ރާއްޖޭގައި މިހާރުދަނީ ކުރަމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޯފާމް ވެކްސިންގެ އިތުރުން ފައިޒަރ ވެކްސިނެވެ.