އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް އިދާރާގައި ކުރިމަތިވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން އެ ޤައުމުގެ ފްލައިޓުތަކަށް ބުރޫ އަރައިފިއެވެ. މިއީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެ ޤައުމުގައި މި ފަދަ މައްސަލައެއް ކުރިމަތިވެ ދަތިވި ދެވަނަ ފަހަރެވެ.
އޭވިއޭޝަން ދާއިރާގެ ކަންކަން ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ސިރިއަމްއިން ބުނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތުން ފުރުމަށް އަދި އެ ޤައުމަށް ޖެއްސުމަށް ހަމަޖެހިފައިވާ 6،000އަށްވުރެ ގިނަ ފްލައިޓުގެ ތެރެއިން 72 ފްލައިޓު ކެންސަލްވެފައިވާ ކަމަށެވެެ. އެއީ ފްލައިޓުތަކުގެ ގާތްގަނޑަކަށް އެއް ޕަސަންޓު ކަމަށާއި، ދުވަސް ނިމުމުގެ ކުރިން އެ ނިސްބަތް އިތުރުވާނެ ކަމަށް ބެލެވޭ ކަމަަށް އެ ކުންފުނިން ބުނެއެވެ.
ސިރިއަމްއިން ބުނީ އެންމެ ބޮޑު ނިސްބަތަކަށް ފްލައިޓް ކެންސެލް ވެފައި ވަނީ ގްލާޒްގޯވްއާއި ބެލްފާސްޓުގައި ކަމަށެވެ. ލަންޑަން ސަރަޙައްދުގެ ވައިގެ ބަނދަރުތަކަށް މާ ބޮޑަށް އަސަރުކޮށްފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އިނގިރޭސިވިލާތުގެ ޤައުމީ އެއާ ޓްރެފިކް ޚިދުމަތް، އެންއޭޓީއެސްއިން ނެރުނު ބަޔާނެއްގައި ބުނީ ސްކޮޓްލެންޑުގައި ހުންނަ އެ އިދާރާގެ ޕްރެސްޓްވިކް ސެންޓަރަށް ކުރިމަތިވި މައްސަލަ މިހާރު ޙައްލުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ސަބަބުން ކުރިމަތިވި ދަތިތަކަށް އެ އިދާރާއިން ވަނީ މަޢާފަށް އެދިފައެވެ. އިތުރު ދަތިތައް ކުރިމަތިވިޔަ ނުދިނުމަށް އެ އިދާރާއިން ވައިގެ ބަނދަރުތަކާއި އެއާލައިންތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެންއޭޓީއެސްގެ ތަރުޖަމާނަކު ވިދާޅުވީ މީގެ ދެ ހަފްތާ ކުރިން ކުރިމަތިވި މައްސަލައާ އެންމެ ފަހުގެ މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ. ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާއި 9ވަނަ ދުވަހު ކުރިމަތިވި މައްސަލައަކީ ސޮފްޓްވެއާއަކަށް ކުރިމަތިވި މައްސަލައެކެވެ. އެ ފަހަރު 2،000އަށްވުރެ ގިނަ ފްލައިޓް ކެންސަލްވެ، ގިނަ ޢަދަދެއްގެ ފްލައިޓް ވަނީ ޑިލޭ ވެފައެވެ. އޭގެ ސަބަބުން 330،000އަށްވުރެ ގިނަ ފަސިންޖަރުންނަށް އަސަރުކޮށްފައިވެއެވެ.
އިނގިރޭވިވިލާތުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ހައިޑީ އެލެކްޒަންޑަރ ވިދާޅުވީ އެންމެ ފަހުން ކުރިމަތިވި މައްސަލައަކީ އައިޓީ މައްސަލައެއް ކަމަށެވެ. ކައިރިކައިރީގައި އެއް ބާވަތެއްގެ ދެ މައްސަލަ ކުރިމަތިވުމަކީ އޭގެ ސަބަބުން ފަސިންޖަރުންނަށް ނުހަނު އުނދަގޫ ޙާލަތަކަށް ވާނެ ކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ.
މައްސަލަތަކާ ގުޅިގެން އަޔަލެންޑުގެ އެއާލައިންއެއް ކަމަށްވާ ރަޔަންއެއާއިން ވަނީ އެންއޭޓީއެސްގެ ޗީފް އެކްސެކެޓިވް، މާޓިން ރޮލްފްގެ އިސްތިޢުފާއަށް ގޮވާލައިފައެވެ. އެ އެއާލައިންއިން ބުނީ 140އަށްވުރެ ގިނަ ފްލައިޓް ޑިލޭވެ، 25،000އަށްވުރެ ގިނަ ފަސިންޖަރުންނަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
2025ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް އެންއޭޓީއެސްއަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. އެ ފަހަރު ވެސް ގިނަ ޢަދަދެއްގެ ފްލައިޓް ކެންސަލްވެފައި އަދި ޑިލޭ ވެފައިވެއެވެ. ފަހުގެ އަހަރުތަކުގައި އިނގިރޭސިވިލާތުގައި ހިނގި މި ފަދަ އެންމެ ބޮޑު ހާދިސާ ހިނގާފައި ވަނީ 2023 ވަަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު އެތައް ސަތޭކަ ފްލައިޓަކަށް ބުރޫއަރައި، 700،000އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ އަސަރުކޮށްފައެވެ.