ކޯވިޑް-19

ކޯވިޑްގައި އިތުރު ދިވެއްސަކު ނިޔާވެ، ޢަދަދު 84އަށް


ކޯވިޑް ބަލީގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މި މީހާ ނިޔާވެފައިވަނީ ހާލު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު 05:46 ހާއިރުއެވެ.

މި މަރާއި އެކު މިބަލީގައި ރާއްޖެއިން ނަިޔާވި މީހުންގެ އަދަދު މިވަނީ 84 އަށް އަރާފައެވެ. މިހާތަނަށް އައިއިރު މި ބަލީގައި ނިޔާވެފައިވަނީ 71 ދިވެހިންނާ، 13 ބިދޭސީންނެވެ.

ފާއިތުވި 3 ދުވަސްތެރޭ ރާއްޖެއިން މި ބަލީގައި 10 މީހުން މިވަނީ ނިޔާވެފައެވެ. މިއީ ރާއްޖޭން ކޯވިޑް ފެނުނު ފަހުން މިހާ ކައިރި ކައިރިން ގިނަ އަދަދެއްގެ ބަޔަކު ނިޔާވި ފުރަތަމަ ފަހަރެވެ. އަދި ކޯވިޑް އެކްޓިވް ކޭސްތަކާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 8،640 އަށް އަރާފައިވާއިރު، 230 މީހަކަށް މިވަގުތުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.