މާލޭ ސަރަޙައްދު ފިޔަވާ، އިތުރު 6 ރަށެއްގައި ކޯވިޑް-19 ފެތުރޭ މިންވަރު 5 އިންސައްތައަށްވުރެ މަތިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދު ފިޔަވާ، ދެން ފަސް އިންސައްތައަށްވުރެ ކޯވިޑް ކޭސްތައް މަތި ރަށްތަކަކީ ބ. މާޅޮހާއި ޅ. ނައިފަރާއި ތ. ވޭމަންޑޫއާއި މާލެ އަތޮޅު ހުރާއާއި ދިށްފުށީގެ އިތުރުން އދ. މާމިގިލިކަމަށެވެ.
މި 6 ރަށް ހިމެނޭހެން ޖުމްލަ 11 ރަށެއް މިވަގުތުވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ކޯވިޑްގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2735 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 600 އަށްވުރެ ގިނަ ކޭސް ފެނިފައިވަނީ އަތޮޅުތަކުގެ ރަށްތަކުންނެވެ.
ކޯވިޑް ރާއްޖޭގައި ފެތުރެން ފެށިތާ ކުރީކޮޅު މި ބައްޔަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވެ، ބަލި އެންމެ ހަލުވިކަމާއެކު ފެތުރެން ފަށާފައިވަނީ ގްރޭޓަރ މާލޭ ސަރަޙައްދުގައެވެ. އެހެންނަމަވެސް ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައިވެސް ކޯވިޑް ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. ވަކިން ޚާއްސަކޮށް ކަރަންޓީނުގައި ތިބޭ މީހުން ބައްޔަށް ޕޮޒިޓިވްވާ ނިސްބަތް އިތުރުކަން ފާހަގަކޮށްލެވެއެވެ.
ކޯވިޑް ކޮންޓްރޯލްކުރުމަށްޓަކާ، ވެކްސިން ޖެހުމުގެ ކަންކަން މާލެއާއި އަތޮޅުތަކުގައި ކުރިއަށްދާއިރު، ކޯވިޑާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލުގެނައުމަށް މިމަހުގެ 16 ވަނަދުވަހު އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެ ނިންމުމުގައިވާ ގޮތުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް މިއަދުން ފެށިގެން ދަތުރުފަތުރު ކުރުމުގައި ލުއިތަކެއް ލިބޭނެއެވެ.
އާބާދީގެ %60 މީހުންނަށް ކޯވިޑްގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރުކުރެވޭނެއެވެ. އަދި އާބާދީގެ %60 މީހުންނަށް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ފުރިހަމަވެފައިވާ ކޮންމެ މީހަކަށް މިހާރު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެއެވެ.
އެހެންނަމަވެސް އެރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް %5 އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރެވޭނީ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކުއެވެ. އަދި ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދިން ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެކަމަށްވެސް އެޗް.ޕީ.އޭއިން ދިން ލުއިތަކުގައިވެއެވެ.
މި ލުއިތަކަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާއިރު، ރަށެއްގެ އާބާދީގެ %60 މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް %5 އަށްވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް %5 އަށްވުރެ މަތި ރަށްރަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމު ކުރަމުން ގެންދާނެކަމަށް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.