ކޯވިޑް-19

ކޯވިޑް-19 : ވޭމަންޑޫއަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކަރަންޓީންވުމަށް އަންގައިފި


ތ. ވޭމަންޑޫއަށް މިދިޔަމަހުގެ 15 އިގެ ފަހުން ދަތުރުކޮށްފައިވާ ފަރާތްތަކުން ކަރަންޓީންވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން މިގޮތަށް އަންގާފައިވަނީ ވޭމަންޑޫއިން ކޯވިޑް-19އިގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެންނެވެ. އެހެންކަމުން 15 މާރިޗް 2021 ގެ ފަހުން ވޭމަންޑޫގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެކަން އެންގުމަށް އެޗް.ޕީ.އޭއިން ވަނީ އަންގާފައެވެ. އަދި މި ތާރީޚުގެ ފަހުން ވޭމަންޑޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވޭމަންޑޫއިން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީންވުމަށް އެއެޖެންސީންވަނީ އަންގާފައިވެއެވެ.

މީގެ އިތުރުން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ކޯވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރުމަށާއި، އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

15 މާރިޗް 2021 ގެ ފަހުން ވޭމަންޑޫއިން މާލެއަށް ގޮސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގޭނެއެވެ. އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ވޭމަންޑޫއިން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރުމަށް އެޗް.ޕީ.އޭއިން އެދިފައިވެއެވެ.