ތަރައްްޤީ

ފުވައްމުލަކުގެ ތަރައްޤީގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ: ނާއިބު ރައީސް


ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ކަންކަން ހުއްޓުމެއްނެތި ކުރިޔަށްގެންގޮސް ނިންމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިހެން ވިދާޅުވީ، ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމާއި، އެ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފުވައްމުލަކު ސިޓީގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސިޓީގައި ކުރިން އޮތް ނަރުދަމާ ނިޒާމާ އަދި އިންޖީނުގޭގެ ހުރި ދަތި އުނދަގޫތަކާއެކު ރައްޔިތުންނަށް ގިނަ ތަކުލީފުތަކަކާ ކުރިމަތިވަމުންދިޔަކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިއަދު ޢަމަލީ މަސައްކަތްފެށި މި ދެ މަޝްރޫޢާއެކު މި ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުފާހަގަކުރެއްވިއެވެ.

ފުވައްމުލަކުގައި މި ސަރުކާރުން ކުރިޔަށްގެންދަވާ އެކިއެކި މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ކަންކަން ހުއްޓުމެއްނެތި ކުރިޔަށްގެންގޮސް ނިންމަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"މި މަޝްރޫޢުތަކުގެ ސަބަބުން ފުވައްމުލަކު ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ލިބިގެންދާނެ. ވޭތުވެދިޔަ އަހަރުތަކުގައި ފުވައްމުލަކަށް މާ ބޮޑެތި އަޅާލުންތަކެއް ލިބިފައިނެތްނަމަވެސް މި ސަރުކާރު ވުޖޫދުވެގެން އައިފަހުން ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކުގެ ތަރައްޤީއަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރައްވާ. ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މި ސިޓީގައި މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ" ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލައަކީ ހައްލުކުރަން އުނދަގޫވި، ތަކުލީފު ބޮޑު މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް މި ނިޒާމު ޑިޒައިންކުރުމަށް ކުރެވުނު މަސައްކަތަކާއެކު، ރައްޔިތުންނަށް މިކަމުގައި ދާއިމީ ހައްލެއް ލިބޭނެގޮތްތައް ހޯދި، އެ މަގުން ފެނަކައިން މަސައްކަތް ކުރާނެކަމަށް ސަޢީދު ވިދާޅުވިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ޒަމާނީ ވަޞީލަތްތަކާއެކު ކުރެވޭނެ މަގު އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. މި ނިޒާމު ފައްކާވެގެންދާއިރުގައި ﷲ ގެ ތަނަވަސް ރަހުމަތާއެކު 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަމިކުރަނީ ވަރަށް ބޮޑު އިތުބާރެއް އެކަމަށް ލިބިފައިވާތީ. މި ނިޒާމު ނިމިގެންދާއިރުގައި ދާއިމީ ހައްލެއް މިކަމަށްލިބި މުޅި ނިޒާމު އެންމެ މި ޒަމާނުގެ ވަޞީލަތްތައް މެދުވެރިކޮށް މޮނިޓަރކުރެވޭނެ" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މިއަދު މަސައްކަތްފެށި ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމުގެ މަޝްރޫޢު ދަށުން ވެކިއުމް ޕަމްޕުތަކާއި ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ބަދަލުކުރުމާ އަދި މުޅިން އަލަށް މޮނިޓަރިން ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ފެނަކައާއި ޙަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައެވެ.

ފުވައްމުލަކު ސިޓީގެ އައު އިންޖީނުގޭގެ މަޝްރޫޢާއެކު އެ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ މައްސަލަތައް ޙައްލުވެ، ތަނުގެ ހިންގުމުގެ ޚަރަދުތަކަށްވެސް ލުއިކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ފުވައްމުލަކު ސިޓީގެ މިހާރުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 5.4 މެގަވޮޓެވެ. އައު އިންޖީނުގެ ޤާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރު ސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫޢުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތްތައް ނިމޭއިރު ފުވައްމުލަކު ސިޓީއަށް ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރަށް ދަތިނުވެ ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން ހުންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.