ރަށުގައި ފުރިހަމަ ނަރުދަމާގެ ނިޒާމެއް ޤާއިމްވުމަކީ ބ.ދަރަވަންދޫ ރައްޔިތުން އެންމެ ބޭނުންވާ އަސާސީ އެއް ޚިދުމަތެވެ. މިހާރު ރަށުގައި ނަރުދަމާ ނިޒާމެއް ބޮޑެތި ދަތިތަކާއި ތަކުލީފުތައް އުފުލަން ޖެހެއެވެ.
މިހާތަަނަށް އެރަށުގައި ނަރުދަމާގެ ގޮތުގައި ހުންނަ ޖަންގްޝަންތައް ގޭގޭގެ ގޯތިތަކުގައި ހަދާފައި ހުންނަގޮތުން ވަަރަށްބޮޑު ޖާގައެއްވެސް ގޯތިން ގެއްލިގެން ދެއެވެ.
ތަރައްޤީގެ ރޮނގުގައި ކުރިއެރުންތަކެއް ހޯދަމުންއަންނަ ދަރަވަންދުއަކީ ބ.އަތޮޅުގެ މައި ދޮރާއްޓެވެ. އެހެންކަމުން އެރަށަށް ދިމާވެފައިވާ މިމައްސަލަ ޙައްލުވުމަކީ ރަށުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމެއްކަމަށް ދަރަވަންދޫ ރައްޔިތުން ދެކެއެވެ.
ދަރަވަންދޫ ރައްޔިތުންގެ މި ކަންބޮޑުވުމާއި ޝަކުވާތަކަށް މާޒިވެ، އާ އުންމީދުތަކެއް މިހާރު މިވަނީ އާވެފައެވެ. އެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށުމަށް މިހާރު ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
"ނަޖިސްވަޅުގަނޑު ފުރިއްޖެނަމަ ކޮންމެވެސްމީހަކަށް ހާހުން ރުފިޔާދީގެން އެމަސައްކަތް ކުރަނީ، ބައެއް ގެތަކުގައި ދެ ޖަންގްޝަން ތިން ޖަންގްޝަންވެސް އެބަހުރި، މިހުރިހާ ވަޅުގަނޑުތަކެއް ސާފުކޮށް މޫދަށް އެޅުމަކީ އެހާ ރަގަޅުކަމެއްކަމަކަށް ނުދެކެން އެއީ މިރަށުގައި އެއަރޕޯޓެއް އެބައޮވޭ އަރާ ފައިބާމީހުންވަރަށް ގިނަ އަދި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ކުރާ ރަށަކަށްވުމުން އެއީ އެމީހުންނަށް ފެންނަ އެހާ ރަގަޅު މަންޒަރެއްކަމަކަށް ނުދެކެން މިހާރު ހުރިހާ ރައްޔިތުންވެސް އެތިބީ މި މަސައްކަތް ފެށި ހިދުމަތް ލިބޭނެދުވަހެއްގެ އިންތިޒާރުގަ" ދަރަވަންދޫއިން ވާހަކަ ދެއްކި ބައެއް މީހުންބުނެޏެވެ.
އެރަށުގެ ނަރުދަމާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ސަރުކާރުގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާހް ވިދާޅުވީ، ދަރަވަންދޫ ނަރުދަމާ ނިޒާމްގެ މަސައްކަތަށް ބޭނުންވާ ސާމާނު އެއްކުރެވިފައިވާކަމަށާ، ނަމަވެސް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ހުއްދަތައް އަދި ނުލިބޭކަމަށެވެ. އެކަމަކު އެކަންކަމަށްވެސް މިމަހު ފަހުކޮޅު ޙައްލުވެ ހުއްދަތައް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ޝާހް ވިދާޅުވިއެވެ.
" މަޝްރޫޢުގެ އިނިޝިއަލް ސާރވޭ ވަނީ ނިމިފައި ކޮންސެޕްޓް ޑިޒައިން އެޕްރޫވްވެފަވަނީ އަދި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް އަދި ޕަމްޕް ސްޓޭޝަން ލޭންޑްގެ އެޕްރޫވަލް ވަނީ ލިބިފަ އީ.އައި.އޭ އަށް ހުށައެޅިފައިވާއިރުމަޝްރޫޢުގެ ޑީޓެއިލް ޑިޒައިން ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް" ޝާހް ވިދާޅުވިއެވެ.
މިމަޝްރޫއުގެ ދަށުން މިރަށުގައި 9.53 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 384 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތިން ސަރަޙައްދެއްގައި ތިން ޕަންޕް ސްޓޭޝަންތައް ޤާއިމްކޮށް ނަޖިސް ފެން ބޭރުކުރުމަށް މޫދަށް ހޮޅިއެއްއެވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ޤާއިމްކުރުމާ ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިން ފޯރުކޮށްދެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މި މަސައްކަތް މި އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 15ވަނަ ދުވަހުއެވެ. މި މަސަކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 05 ޑިސެމްބަރ 2022އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 40.3 މިލިއަން ރުފިޔާއެވެ.