ޚަބަރު

އަރބަން ފާމިންގެ މަޝްރޫޢުގެ ދަށުން ދަނޑުވެރިކަން ކުރާ ފަރާތްތައް ތަމްރީންކުރުމުގެ މަސައްކަތް ފަށައިފި


ހުޅުމާލޭގައި ކުރިއަށްގެންދާ އަރބަން ފާމިންގެ މަޝްރޫޢުގެ ދަށުން ދަނޑުވެރިކަން ކުރާ ފަރާތްތައް ތަމްރީންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

"އަރބަން ފާމިންގ"ގެ ގޮތުގައި ހުޅުމާލޭގައި ހުސްކޮށް ދޫކޮށްލައިފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ދިރުއުޅޭ ފަރާތްތަތަކަށް ހުޅުވާލި ފުރުޞަތުގައި ހޮވާލެވުނު 48 ފަރާތަކަށް މިހާރު ވަނީ ބިން ހަވާލުކޮށްފައެވެ. އެ ފަރާތްތަކަށް ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ފެށުމަށް ދެވޭ ޚާއްޞަ ޓްރޭނިންގތައް ފަށާފައިވަނީ އޮންލައިން ވެބިނަރއެއްގެ ގޮތުގައެވެ.

އެގޮތުން މި ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ބޭއްވި ސެޝަންގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ޚާއްސަ ސަފީރު ކެއިކޯ ޔަނައި، އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރިޕްރެސެންޓޭޓިވް އަކިކޯ ފުޖީ ވަނީ ބައިވެރިވެވަޑައިގަންފައެވެ. މި ސެޝަންގެ ބައިވެރިންނާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވަނީ މިފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުންކޮށް، ހުޅުމާލޭގައި ފެށިގެން މިދާ މަޝްރޫޢުއަކީ ކާމިޔާބު ނަމޫނާ މަޝްރޫޢުއަކަށް ހެދުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މި ސެޝަންގައި ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފު ވަނީ މި ޕްރޮގްރާމްގެ ސަބަބަބުން ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށްވެސް ގަސް އިންދާ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި އިތުރު ގިނަ މަޢުލޫމާތުތަކެއް ދަސްވެގެންދާނެކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ދަނޑުވެރިކަމުގެ ރޫޙު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާ ވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް އާޠިފު ވިދާޅުވިއެވެ.

އަރބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކުރަން ކަނޑައަޅާފައިވާ 16 ޕްލޮޓްގައި ފުރަތަމަ 3 މަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގާނެއެވެ. އަދި ކޮންމެ ބައިވެރިއަކަށްވެސް އެކަށީގެންވާ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީއާއި އެޗް.ޑީ.ސީ ގުޅިގެން ހިންގާ "ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫޢުއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އަދި މި ޕްރޮގްރާމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖުތަމަޢުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކާއި، ކޯވިޑް-19 ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މި މަޝްރޫޢުމެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

މާސްޓަރ ޕްލޭނެއްގެ ދަށުން ހުޅުމާލެ ތަރައްޤީކުރެވެމުން ދާއިރު، މީހުން ދިރިއުޅޭ ސަރަޙައްދުތައް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މިއީ އެޅިގެން ދިއަ މުހިއްމު ފިޔަވަޅެއްގެގޮތުގައި އެޗް.ޑީ.ސީން ވިދާޅުވެއެވެ.