ޚަބަރު

އދގެ އާންމު މަޖިލީހަށް އީރާނުގެ އިސްވެރިން ވަޑައިގަތުމުގެ ހުއްދަ ދީފި


އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅުގައި، އަންނަ ހަފުތާގައި ނިއު ޔޯކުގައި ބާއްވާ އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ އިސް ވެރިންނަށް ފުރުޞަތު ދޭނެ ކަމުގައި އެމެރިކާއިން ބުނެފިއެވެ. އދގެ މައި އިދާރާ ހިންގާ ޤައުމުގެ ހައިސިއްޔަތުން އެމެރިކާއިން އަދާކުރަންޖެހޭ ޒިންމާތަކާ އެއްގޮތަށް، މި ހުއްދަ ދެނީ އީރާނުގެ މައި ވަފުދަކަށް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.

މި ނިންމުމުގެ ދަށުން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން އަދި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއަށް ވިސާ ލިބިވަޑައިގަންނަވާނެ ކަމުގައި މަޢުލޫމާތު އެނގޭ މަޞްދަރަކުން ކަށަވަރުކޮށްދެއެވެ. މި އަހަރުގެ ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އީރާނަށް ހަމަލާ ދިނުމުން ފެށުނު މި ހަނގުރާމަ ހުއްޓުވުމަށް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އީރާނާއެކު ދޭތެރެދޭތެރެއިން މަޝްވަރާތައް ބާއްވާފައެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ޔަހޫދީންނަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް ހަމަލާ ދީފައެވެ.

އެމެރިކާގައި ހުންނަވާ މުއްދަތުގައި އީރާނުގެ ވަފުދަށް ދަތުރުފަތުރުގެ ހުރަސްތައް ކުރިމަތިވާނެ ކަމަށާއި، އަގުބޮޑު މުދާ ގަތުން މަނާވާނެ ކަމުގައި އެމެރިކާއިން ބުންޏެވެ. މީގެ ކުރިން ވެސް އެމެރިކާއިން ވަނީ އީރާނުގެ ވަފުދުގެ ދަތުރުތައް އދގެ މައި އިދާރާއާއި، މިޝަނާއި، ސަފީރުގެ ގެކޮޅު އަދި އެއާޕޯޓާ ދެމެދަށް ހަނިކޮށްފައެވެ. 1947 ގެ އެއްބަސްވުމުގެ ދަށުން ޑިޕްލޮމެޓުންނަށް ފުރުޞަތު ދިނުން ޢާންމުކޮށް ލާޒިމުވި ނަމަވެސް، ސަލާމަތީ ސަބަބުތަކަށް ޓަކައި ވިސާ ހިފެހެއްޓުމުގެ އިޚްތިޔާރު އޮންނަ ކަމަށް އެމެރިކާއިން ބުނެއެވެ.

މީގެ އިތުރުން، ބައިނަލްއަޤުވާމީ ޓްރައިބިއުނަލްތަކަށް މައްސަލަ ހުށަހަޅައިގެން ޔަހޫދީންނާއި ފަލަސްޠީނުގެ މައްސަލަ ބައިނަލްއަޤުވާމީ ފެންވަރަށް ގެންދިއުމަށް މަސައްކަތް ކުރުމުން، އދގެ ބައްދަލުވުމަށް ފަލަސްޠީނުގެ އޮފިޝަލުން އެތެރެވުން މަނާކުރުމަށް މިދިޔަ އަހަރުން ފެށިގެން އަޅާފައިވާ ފިޔަވަޅު ޓްރަމްޕްގެ ސަރުކާރުން ވަނީ މި އަހަރު ވެސް ދަމަހައްޓާފައެވެ. މި ނިންމުމާ އެކު، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް އެމެރިކާއިން ވިސާ ދޫނުކުރާ ކަމުގައި އެ ޤައުމުގެ އޮފިޝަލަކު ވިދާޅުވިއެވެ.