ޅ.ފެލިވަރުން މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.
އެޗް.އީ.އޯ.ސީން ވިދާޅުވީ، އަތޮޅުތަކުން މިހާތަނަށް 65 ރަށަކުން ކޯވިޑް-19ގެ 925 އެކްޓިވް ކޭސް މިހާތަނަށް ފެނިފައިވާކަމަށެވެ.
އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އަތޮޅުތަކުން ކޯވިޑް-19ގެ އެންމެ ގިނަ ކޭސްތައް ފެނިފައިވާ ރަށްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. މި މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ކޯވިޑް-19ގެ އެކްޓިވް ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ ޅ.ފެލިވަރުންނެވެ. އެ ރަށުން މިހާތަނަށް 347 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 550 ފަރާތެއް ދެނެގަނެވިފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަދި އެ ރަށުން ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ މިހާތަނަށް 750 ސާމްޕަލެއް ނަގާފައިވެއެވެ.
ކޯވިޑް-19ގެ ކޭސްތައް ދެން އެންމެ ގިނައިން ފެނިފައިވަނީ ޅ.ނައިފަރުންނެވެ. އެރަށުން މިހާތަނަށް 179 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 245 ފަރާތެއް ދެނެގަނެވިފައިވެއެވެ. އަދި މި ބަލި ދެނެގަތުމަށް ނައިފަރުން މިހާތަނަށް 1260 ސާމްޕަލެއް ވަނީ ނަގާފައެވެ. ނައިފަރަށްފަހު ދެން އެންމެ ގިނަ އެކްޓިވް ކޭސްތައް ފެނިފައިވަނީ މާލެ އަތޮޅު ހުރާއިންނެވެ. ހުރާއިން މިހާތަނަށް 138 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 250 ފަރާތެއް ދެނެގަނެވިފައިވާއިރު، ހުރާއިން މިހާތަނަށް 572 ސާމްޕަލެއް ކޯވިޑް-19 ޓެސްޓްކުރުމަށް ވަނީ ނަގާފައެވެ.
އަތޮޅުތަކުން ޙާލަތު އެންމެ ގޯސް ރަށްތަކުގެ ތެރޭގައި ކ. ދިއްފުށިވެސް ހިމެނެއެވެ. ދިއްފުށިން މިހާތަނަށް 105 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 730 މީހެއް ފާހަގަކުރެވިފައިވާކަމަށާއި، އެރަށުން މިހާތަނަށް 598 ސާމްޕަލެއް ކޯވިޑްއަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށް އެޗް.އީ.އޯ.ސީން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ޅ. ހިންނަވަރުން މިހާތަނަށް 35 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 44 ފަރާތެއް ފާހަގަކުރެވިފައިވާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ. އަދި ހިންނަވަރުން މިހާތަނަށް 501 ސާމްޕަލް ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށްވެސް އެ ސެންޓަރުން ވިދާޅުވެފައިވެއެވެ.
އަތޮޅުތަކުގެ ރަށްތަކުން ކޯވިޑް-19 ފެންނަ މިންވަރު އިތުރުވެފައިވާއިރު، މިވަގުތުވެސް 17 ރަށެއްވަނީ މޮނިޓަރިންގެ ޙާލަތަށް ލާފައެވެ. އެޗް.އީ.އޯ.ސީން ވަނީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުންދީ، އެ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ނަޞޭހަތްތެރިވެފައެވެ. އަދި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށްޓަކާ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތަށާއި، ރަށްރަށުގައި ރެންޑަމް ސާމްޕަލް ނެގުމަށް ކުރާ މަސައްކަތްތަކަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދެއްވުމަށްވެސް އެ ސެންޓަރުން ވަނީ އިލްތިމާސްކުރަައްވާފައެވެ.