ޖަޕާން ޤައުމީ ޓީމުގެ ކީޕަރ ޒިއޮން ސުޒުކީ އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ.
އިޓާލިއަން ސެރީއާގެ ޕާމާއަށް ކުޅެމުންދާ ސުޒުކީ ވިލާއަށް ސޮއިކޮށްފައިވަނީ 30 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އުމުރުން 23 އަހަރުގެ ސުޒުކީ ވިލާއަށް ގެންދިއުމުގެ މަސައްކަތް އެޓީމުން ފަށާފައިވަނީ ވިލާގެ އެއް ނަމްބަރު ކީޕަރ ކަމުގައިވާ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް އިޓާލިއަން ސެރީއާގެ ޔުވެންޓަސް އަށް ބަދަލުވުމުގެ މަސައްކަތް ކުރިއަށް ދާން ފެށުމުންނެވެ. ނަމަވެސް ނިމިގެންދިޔަ ހަފްތާ ބަންދުގެ ތެރޭގައި އެވިޔަފާރިވަނީ ކުރިއަށްދާގޮތް ނުވެފައެވެ. އެވިޔަފާރި ކުރިއަށްދާގޮތް ނުވީ ދެ ކްލަބްގެ މެޗުގައި އަގަކާ މެދު އެއްބަސްވުމަކަށް ނާދެވުމުންނެވެ.
ނިމިގެންދިޔަ ސީޒަންގައި ވިލާއަށް ޔުއޭފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދީފައިވާ މާޓިނޭޒްގެ މުސްތަގްބަލާމެދު މިހާރު މިވަނީ ސުވާލު އުފެދިގެން ގޮސްފައެވެ. މިދިޔަ ސީޒަންގައިވެސް މާޓިނޭޒް ވިލާ ދޫކޮށް ދިއުމުގެ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެކަން ކާމިޔާބު ވާގޮތް ނުވުމުން ވިލާގައި މަޑުކުރީއެވެ. ވިލާއިން ދެކޭގޮތުގައި ދިގު މުއްދަތަކަށް ބަލާއިރު އެޓީމުގެ އެއް ނަމްބަރު ގޯލް ކީޕަރަކަށް ވެގެންދާނީ ސުޒުކީއެވެ. މިގޮތުން ވިލާއިން ދެކޭގޮތުގައި ކުރިއަށް އޮތް ދިހަ އަހަރުވެސް އެޓީމުގެ ގޯލް ބެލެހެއްޓުމުގައި ސުޒުކީ ހުންނާނެއެވެ.
ސުޒުކީ ވޭތުވެދިޔަ ދެސީޒަންގައި ޕާމާއަށް ވަނީ 59 މެޗު ކުޅެދިފައެވެ. މިދިޔަ ސީޒަންގައި ޕާމާ ލީގު ނިންމާލާފައިވަނީ 13 ވަނައިގައެވެ. ސުޒުކީގެ އިތުރުން ވިލާއިންވަނީ ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ އިޓަލީވިލާތުގެ މަޓިއޯ ރުޖޭރީވެސް އެޓީމަށް ގެންގޮސްފައެވެ. މައުލޫމާތުލިބޭގޮތުގައި ރުޖޭރީ އެޓީމަށް ސޮއިކޮށްފައިވަނީ 17 މިލިއަން ޕައުންޑްގެ ފީ އަކަށެވެ.
ވިލާއިން އެޓީމަށް އުމުރުން 24 އަހަރުގެ ރުޖޭރީ ގެންގޮސްފައިވަނީ މިސީޒަންގައި އެޓީމު ދޫކޮށް ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިންއަށް ބަދަލުވި ލޫކާ ޑީންޔަރގެ ބަދަލުގައެވެ. ރުޖޭރީވަނީ 2024 ވަނަ އަހަރު އެޓަލާންޓާ އާއި އެކު 2024 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ އެޓްލެޓިކޯއަށް ބަދަލުވެފައިވަނީ ނިމިގެންދިޔަ ސީޒަންގައެވެ.
މިދެ ކުޅުންތެރިންނަށްވެސް ޕްރިމިއަރ ލީގުގައި މިއަންނަ އާދިއްތަ ދުވަހު ވިލާ ކުޅޭ ފުރަތަމަ މެޗުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ދެކޮޅަށް ކުޅުމުގެ ފުރުސަތު އޮންނާނެއެވެ.