ސިޔާސީ

އޮމަދޫގައި ޕޮލިސް ޕޯސްޓެއް ޤާއިމުކޮށް، ޚިދުމަތް ދޭން ފަށައިފި


އދ.އޮމަދޫގައި ޤާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

އޮމަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޕޯސްޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންނަގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މިއީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޙިދުމަތް ފޯރުކޯށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވުނު ޕޯސްޓެކެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިސް އޮފިސަރުންނާއި އޮމަދޫ ކައުންސިލް މެމްބަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތް ދޭންވާނީ ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް އެޚިދުމަތްދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށްކަމަށް ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

އެހެންކަމުން ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ޚިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްޤީވެފައިވާ ފުލުހުންގެ ކިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުކުރަންކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ. އަދި އޮމަދޫގައި ހުޅުވިގެންދިޔަ މި ޕޮލިސް ޕޯސްޓަކީ މި އަމާޒަށް ވާސިލުވުމަށްޓަކައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ އައު ގާނޫނު އެކުލަވާލުމުގެ ކުރިންވެސް 2019ވަނަ އަހަރު އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ 6 ޕްރައޯރިޓީގެ ތެރޭގައި "ލޯކަލް ޕޮލިސިން" ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ޙިދުމަތަށް އިތުރު އަހައްމިޔަތުކަމެއް ދިނުމުގެ މަޤުސަދުގައިކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އޮމަދޫގައި ޕޮލިސް ޕޯސްޓް ހުޅުވުމާއެކު، އދ.މަހިބަދޫން ފުލުހުން އެރަށަށް ގޮސްގެން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަދިއުމަށް ނިމުން އައިސް، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއް އިންގިލާބީ ބަދަލަކީ ނެއިބަރހުޑް ޕޮލިސިންގ ނުވަތަ އަވަށްޓެރި ފުލުހުންގެ މަސައްކަތްކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ރައްޔިތުންނާއި ފުލުހުންގެ ގުޅުމުގެ ތެރެއިން މުޖުތަމައުގައި ހިނގާ ކުށާއި، އެކުށުން އުފެދޭ ބިރުވެރިކަމުގެ އިޙްސާސް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި އިޖުތިމާއީ މައްސަލަތަކުން ކުށަށް ބަދަލުވާ ކަންކަމާމެދު އިތުރަށް ސަމާލުވެ ފުލުހުންގެ ޚިދުމަތްތައް ދެމުން ގެންދިއުން އެއީ މިއަދު ވަރަށް އިސްކަންދޭ ކަމެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.