ރަސްމާލޭގައި ހިންގަން ނިންމާފައިވާ 20 ބިލިޔަން ޑޮލަރުގެ މަޝްރޫޢަކީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ބޭރުގެ ފައިނޭންސް ހޯދުމުގައި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢަކަށްވާނެކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އީގަލް ހިލްސް މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަކީ ދުނިޔެ ދަންނަ، ކާމިޔާބު ބޮޑެތި އިންވެސްޓްމަންޓްތަކާއެކު މަޝްރޫޢުތައް ހިންގާފައިވާ ކުންފުންޏެއްކަމަށެވެ. އެންމެންނަށް އެންގޭ މިފަދަ ބޮޑު ކުންފުންޏަކުން ދިވެހިރާއްޖޭގައި، އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމާނީ އެކަމާ މެދު ވަރަށް ބޮޑަށް ދިރާސާކޮށް، ރާއްޖެއަށް އޮތް ޑިމާންޑާއި އޭގެއިން ނެރެވޭނެ މަންފާ އެންގިގެންކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ކްރެޑިން ރޭޓިން ދަށްކަމަށް ބުނެ ރާއްޖޭގައި އިންވެސްޓްކުރަން ފަސްޖެހޭ މީހުންނަށް، އީގަލް ހިލްސްގެ މި ނިންމުން ވެގެންދަނީ، ރާއްޖޭގައި އިންވެސްޓްކުރެވިދާނެކަން ދައްކުވައިދިނުމަށް ދެވޭ ޔަގީންކަމަކަށްކަމަށެވެ. ކުރިން ރާއްޖޭގައި އިންވެސްޓްކުރަން ފަސްޖެހުނު އިންވެސްޓަރުންނާއި ޑިވެލޮޕަރުންނަށް، އެފަދަ މަޝްރޫޢުތައް ރާއްޖޭގައި ހިންގިދާނެކަން ދޭހަކޮށްދޭ ނިންމުމަކަށްކަމަށެވެ.
"ކުރިން އެބަހުރި 200-300 މިލިޔަން ޑޮލަރު އިންވެސްޓްކޮށްފައި ރާއްޖޭގެ މަޝްރޫޢުތަކުގައި. އެއާ ޚިލާފަށް މިއީ ދުނިޔޭގެ އެންމެންނަށް އެންގޭ، ދިވެހި ވިޔަފާރިވެރިންނަށް ކިހާވަރެއްގެ ކުންފުންޏެއްކަން އެންގޭ ބައެއް. މިއާއެކު އިންވެސްޓަރ ކޮންފިޑެންސް އިތުރުވެ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއަށް ބޭނުންވާ ބޭރުގެ އެހީތައް ހޯދުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ. ފައިނޭންސް ހޯދުމުގެ ފުރުޞަތު ތަނަވަސްވާނެ." ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ވާހަކައާއެކު، އިތުރު ގިނަ އިންވެސްޓަރުންނާއި އަދި ބޭރުގެ ބޭންކްތަކުން ފައިނޭންސް ހޯދުމުގައި ރާއްޖެއަށް އިތުރު މަގުތައް ފަހިވެ ރާއްޖޭގެ މުޅި އިޤްތިޞާދަށް އޭގެ ބޮޑު ފައިދާއެއް ވާނެކަމަށް ބުނަމުންދާކަމަށެވެ.
މިއީ ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް މަތިކުރުމަށް ލިބޭ އިތުރުފުރުޞަތަކަށްވާނެކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ބޮޑު ފުރުޞަތަކަށް ނުވަތަ ޔަގީންކަމަކަށް ބަލަބަލަ ތިބި ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން މިހާރުވެސް އެބަތިބިކަމަށެވެ. އެހެންކަމުން 20 ބިލިޔަން ރުފިޔާގެ މި ބޮޑު މަޝްރޫޢަކީ ސަރުކާރަށް ލިބޭ ފައިދާއެއްގެ އިތުރަށް، މުޅި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށްވެސް އޭގެ ވަރަށް ބޮޑު ކުރިއެރުމެއް ގެނުވާނެކަމެއްކަމަށެވެ.
"ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް މި ހިންގެނީ ފައިނޭންސް ހޯދައިގެން. ދިވެހި ވިޔަފާރިވެރިންނަށް މި މަޝްރޫޢުގެ ސަބަބުން ބޮޑު ފުރުޞަތެއް ފަހިވެ، ކުރިއެރުން ލިބޭނެކަމަށް ޤަބޫލުކުރަނީ." ވަޒީރު ވިދާޅުވިއެވެ.
އެ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ރިސޯޓް ކޮންސެޕްޓް އަދި ރިއަލްއެސްޓޭޓް މަޝްރޫޢުތަކާއި ކާމިޔާބު ބިޒްނަސް މޮޑެލްއެއް ހިންގަމުންދާ ކުންފުންޏެކެވެ.
20 ބިލިޔަން ޑޮލަރުގެ މި މަޝްރޫޢުގައި ހިމެނެނީ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެކެވެ. އަދި ރަސްމާލޭގައި 500 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގެ 5000 ހައުސިން ޔުނިޓް ތަރައްގީ ކޮށްދޭނެވެ.
މުޅި މިމަޝްރޫޢަކީ އިންވެސްޓްމަންޓްގެ ގޮތުން ބަލާއިރު ރާއްޖެއަށް އަންނަ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި މަޝްރޫޢާއެކު 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެއެވެ.