ޚަބަރު

ކެންޔާއާއެކު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވުމެއް


  • ދެ ޤައުމުގެ ޚާރިޖީ ވުޒާރާތަކުން ގަވާއިދުން މަޝްވަރާތައް ބާއްވާނެ

  • ދެ ޤައުމުގެ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ބަލައި، ގުޅުން ބަދަހިކުރާނެ

ކެންޔާއާއެކު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ނިއުޔޯކުގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. ކެންޔާގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ކެބިނެޓް ސެކްރެޓަރީ ފޯ ފޯރިން އެންޑް ޑަޔަސްޕޯރާ އެފެއަރސް ޑރ. މުސާލިއާ މުޑަވަޑީއެވެ.

މި ފަހުމުނާމާގެ ދަށުން ދެ ޤައުމުގެ ޚާރިޖީ ވުޒާރާތަކުން ގަވާއިދުން މަޝްވަރާތައް ބާއްވާނެއެވެ. އަދި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެ އާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 23 އޮކްޓޫބަރު 1995ގައެވެ. ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެފގެންދާނެ އަދި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރާނެ އެއްބަސްވުމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.