އޭޝިއަން ގޭމްސްގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެއިން ޓޭބަލް ޓެނިހުގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ގަދަ 16 ނުވަތަ ރައުންޑް އޮފް 16 ބުރުގައި ކުޅެފިއެވެ.
މި ތާރީޚީ ކާމިޔާބީ ހޯދީ ގޭމްސްގެ މި އިވެންޓުގައި ރާއްޖެ ތަމްޞީލުކުރާ މޫސާ މުންސިފް އަޙްމަދާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ އިންނެވެ.
މި އިވެންޓުގެ ރައުންޑް އޮފް 32ގައި ރާއްޖޭގެ ރަފާއާއި މުންސިފް ވާދަކުރީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދުގެ ޕެއާ އާއިއެވެ.
އެ މެޗުން ރާއްޖެ މޮޅުވީ 2-3 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓުން މޮންގޯލިއާގެ ޕެއާ މޮޅުވެފައިވަނިކޮށް، އިތުރު ހިތްވަރެއް ނެރެ ދެއްކި މޮޅު ކުޅުމާއިއެކު ރަފާއާއި މުންސިފްގެ ޕެއާއިން ވަނީ ޖެހިގެން އައި ތިން ސެޓުވެސް ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު މޮންގޯލިއާގެ ކުޅުންތެރިން ގެންދިޔައީ 7-11 އަދި 5-11 އިންނެވެ. އެފަހުން ކުޅުނު ތިން ސެޓުންވެސް ރާއްޖެ މޮޅުވިއިރު އޭގެތެރެއިން ފުރަތަމަ ދެ ސެޓުގައި ވެސް ރާއްޖެ މޮޅުވީ 9-11 އިންނެވެ. އަދި ދެ ސެޓު ދެ ސެޓުން ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު ސެޓުން ވެސް ރާއްޖެ މޮޅުވީ ހަމަ 9-11 އިންނެވެ.
މި މޮޅާއެކު ރާއްޖެއިން ތާރީޚުގައި ފުރަތަމަ ފަހަރަށް އޭޝިއަން ގޭމްސްގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ގަދަ 16ގެ ޖާގައެއް ހޯދިއިރު ގަދަ 16ގެ ބުރުގައި ރާއްޖެ ކުޅެން ޖެހުނީ އިންޑިއާގެ މަނޫޝް ޝާހާއި ދިޔާ ޗިތަލްގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން އިންޑިއާގެ ކުޅުންތެރިން ރާއްޖޭގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ޓީޓީން ރާއްޖޭގެ 8 އެތުލީޓުން ވާދަކުރެއެވެ. އެއީ ހަތަރު އަންހެން އެތުލީޓުންނާއި ހަތަރު ފިރިހެން އެތުލީޓުންނެވެ. ގޭމްސްގައި ޓީޓީން ރާއްޖެ ތަމްސީލުކުރާ ހަތަރު އަންހެން އެތުލީޓުންނަކީ ފާތިމަތު ދީމާ އަލީ، އާއިޝަތު ރަފާ ނާޒިމް، އާއިޝަތު އަލްސާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހިމްއެވެ. އަދި ރާއްޖެ ތަމްސީލުކުރާ ފިރިހެން އެތުލީޓުންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު، އަޚްޔާރް އަހްމަދު ޚާލިދް އަދި މުހައްމަދު ޚަލަފް ރާފިޢުއެވެ.