އަތޮޅުތައް

ތ އަދި ލ އަތޮޅަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ޕްރޮގްރާމެއް


ލ.ގަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ތ އަތޮޅުން ކިނބިދޫ، އަދި ލ އަތޮޅުން ގަމެވެ. އާދީއްތަ ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރެވިދާނެ ރަނގަޅު އާދަތަކުގެ މައްޗަށެވެ. މިގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ހެލްތް މިނިސްޓްރީއާއި ގުޅިގެން ތައްޔާރުކޮށްފައިވާ "ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ސްޓޭންޑަޑް"  ނުވަތަ ދަނޑުވެރިކަމުގެ ރަނގަޅު އާދަތަކުގެ ސްކީމާއި ބެހޭ މަޢުލޫމާތު ބައިވެރިންނާއި ހިއްސާ ކޮށްފައިވެއެވެ. ދަނޑުތަކަށް ބޭނުންކުރާ ތަފާތު ބޭސްތަކުގެ މަޢުލޫމާތާއި، އެބޭސްތައް ބޭނުންކުރެވޭ ގޮތާއި، ރާއްޖޭގެ ފަސްގަނޑުގެ ހާލަތާއި، ބިންގަނޑުގެ ފެންވަރު ދަށްވުމަށް ދިމާވާ ސަބަބުތަކާއި، ފަސްގަނޑު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އަދި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންކުރެވިދާނެ ތިމާވެއްޓާއި ރައްޓެހި ބައެއްކަހަލަ ކޮންޓްރޯލަރ ތަކާއި ބެހޭ މައުލޫމާތުވެސް ބައިވެރިންނަށް ވަނީ ހިއްސާކޮށްފައެވެ. އަދި ގަހަށް ބޭސްޖަހާ ގޮތާއި ބޭހުގެ ސަބަބުން އިންސާނުންނަށާއި ތިމާވެއްޓަށް ދިމާވެދާނެ މައްސަލަތަކާއި ގުޅޭ ގޮތުންވެސް ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ ތަފާސް ހިސާބު ނެގުމަށް މިނިސްޓްރީން އަލަށް ތަޢާރަފް ކުރާ ދަނޑުވެރިންގެ ލޮގްފޮތުގެ މަޢުލޫމާތު ހިއްސާ ކުރެވިފައިވާއިރު މިއީ، އދ ގެ ކާނާއާއި، ދަނޑުވެރިކަމާއި ބެހޭ ޖަމްއިއްޔާ، އެފް.އޭ.އޯގެ އެހީގައި ކުރިއަށް ގެންދާ ލެކްރެޑް ޕްރޮޖެކްޓުން ކުރެވޭ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ ލެކްރެޑް ޕްރޮޖެކްޓްގެ ތަޖުރިބާކާރުންނާއި، އިންޑިޔާގެ އެކްސްޕާރޓެއްކަމުގައިވާ ޑރ. ސުމިތްރާ އަރޯރާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.