ޚަބަރު

ބ. އާބާދީ މަދު ރަށްތަކެއް، ހިނގާ މަޝްރޫއުތައް މަދެއް ނޫން


މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ އިސްކަމެއްދިން އަދު އެންމެ މުހިއްމު މަސައްކަތަކަށްވީ ބޮޑެތި ބިޔަ އިމާރާތްތައް އަޅާ އެތަންތަނުގެ ފޮޓޯތަކާއި ވާހަކަތައް ތާރީހަށް ލިޔެލުމެއް ނޫންނެވެ. ސަރުކާރުން އެންމެ ފުރަތަމަވެސް އަމާޒު ހިފީ ޒަމާނުންސުރެ އަޅާ ނުލެވި ދޫކޮށްލާފައިވާ ދިވެހި ކުދި ކުދި އާބާދީތައް އޮތް ރަށްތަކަށް ބޭނުންވާ އެންމެ މުހިއްމު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމެއް ލިބި، ތައުލީމު ހާސިލުކޮށް، މާލެ ނައިސް ފުރިހަމަ ސިއްހީ ހިދުމަތް ހޯދާ ކުޅިވަރު ކުޅެ ރަށުގައި ތިބެ ހިތް ހަމަޖައްސާލާނެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

އެންމެފަހުގެ ބޯހިމެނުން ދައްކާގޮތުން 21،145 މީހުންގެ އަބާދީއެއް އޮންނަ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއް އޮވެއެވެ. މީގެތެރެއިން 11 ރަށަކީ ބިމުގެ ގޮތުން 50 ހެކަޓަރެއްވުރެ ކުދި ރަށްރަށްނަމަވެސް މި އަތޮޅަކީ ތިމާވެށީގެ ގޮތުން ހިތްގައިމު ކަމެއް ލިބިފައިވާ ރީތި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ރަށްތަކެއް ހިމެނޭ އަތޮޅެކެވެ. ވެރިކަންކުރާ އޭދަފުއްޓާއި ދަރަވަންދޫގެ އިތުރުން ތުޅާދޫގައި ނޫނީ އަބާދީ 1000 މައްޗަށް ނާރައެވެ. އެހެންކަމުން ޒަމާނުންސުރެ މި ރަށްތައް ފިޔަވާ އެހެން ރަށްތަކުގައި ތަރައްޤީގެ މަޝްރޫއެއް ނެތޭ ބުނުންވެސް ގޯހަކަށް ނުވާނެއެވެ.

އަބާދީއަށް ބެލުމެއް، ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ސަރުކާރުން ހިންގަމުން އަންނަ ތަރައްޤީގެ މަޝްރޫއަތަކުގެ ތެރެއިން ބިޔަ ބޮޑެތި 5 މަޝްރޫއެއް މި އަތޮޅުގައިވެސް އަންނަނީ ބާރު ދުވެލީގައި ހިނގަމުންނެވެ. ފަހަރުގައި އެއްބަޔަކަށް މީ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ނުވިނަމަވެސް މި ރަށްރަށުގެ ރައްޔިތުންނަށް މީ އެމީހުން ޒަމާނުއްސުރެ ބޭނުންވެ އިންތިޒާރުކުރަމުން އައި ބޮޑެތި އެދުންތެކެވެ.

ރޭގަނޑު ދަމަށް ތިބުމާއި އަނެއް ރަށަށް ބަރޯސާވުން

ބަނދަރު ހެދުމުގެ މަސައްކަތަށް ބަލާލާއިރު މި އަތޮޅުގެ ފުޅަދޫ ފެހެންދޫ، ކިހާދޫ، ކުޑަރިލު، ދޮންފަނުގެ ބަނދަރުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެތެރެއިން ބައެއް ރަށްތަކުގައި ހުރީ ތެޅިގަލުން ހަދާފައި އޮތް ތޮއްޓެކެވެ. ފުޅަދޫ ފެހެންދޫ ރައްޔަތިން އަމިއްލަ ރަށަށް ފޭބުމާއި މުދާ ބޭލުމަށް ބަރޯސާވާންޖެހިފައި އޮތީ ގޮއިދޫ ބަނދަރަށެވެ.

ފެހެންދޫ އަދި ފުޅަދޫގެ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، މި ދެ މަސްރޫއުގެ މަސައްކަތައް 90 މިލިއަނަށްވުރެ ގިނަރުފިޔާ ރުފިޔާ ހަރަދުވެއެވެ. ދޮންފަނު ބަނދަރުހެދުމުގެ އަމަލީ މަސައްކަތް ފަށާ މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގައި ގައު އެތުރުމުގެ މަސައްކަތެވެ. ކިހާދޫ ބަނދަރުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު ކުޑަރިކިލު ބަނދަރުގެ މަސައްކަތައް ބޭނުންވާ ސާމާނު މިހާރު ހުރީ ރަށަށް ޖަމާކޮށްފައެވެ.

މި ފަސްރަށުގެ އިތުރުން ރަނގަޅު ބަނދަރެއް އޮތްނަމަވެސް ދަތިތަކާއި ކުރިމަތިވަމުން އަންނަ އަތޮޅު ވެރިރަށް އޭދަފުށީ ބަނދަރު ހެދުމަށްވެސް މިއަހަރުގެ ދައުލަތުގެ ބަޖެޓްގައިވަނީ ހިމަނާފައެވެ. މިމަސައްކަތުގެ ދަށުން އެރަށުގެ ބަނދަރު ހެދުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތް މިހާރުވަނީ ނިންމާފައެވެ. މީގެ އިތުރުން ގޮއިދޫއާއި ކަމަދޫ ބަނދަރުގެ އަލުން މަރާމާތުކުރަންޖެހޭތީ އެ މަސައްކަތްވެސްވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައެވެ. އަދި ހިތާދޫ ބަނދަރުގެ ބޭރު ތޮއްޓާ އެއްގަމު ތޮށި ހެދުމަށްވެސް ބަޖެޓްގައިވަނީ ހިމަނާފައެވެ.

ލަފާ ފުރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މި ފަސްރަށުގެ ބަނދަރު ހެދުމަކީ މި ރަށްރަށުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ލަފާ ފުރުމަށް އުފުލި ވޭންތަކަށް ނިމެއް އަންނާނެކަމެކެވެ. އަދި މޫސުން ގޯސްވާ ކޮންމެ ފަހަރަކު އޮޑިދޯނި ފަހަރަށް ވާނުވާ ބަލަން ހޭލާ ތިބޭ ތިބުން ނިމުކަމަށް ގެނުވާނެކަމެއްކަމަށް އެރަށްރަށުގެ ރައްޔިތުން ދެކެއެވެ. މި 5 ރަށުގެ ބަނދަރު ހެދުމަށް 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ހޭދަކުރެއެވެ.

ފްލެޓްވެސް ލިބި، ފެނާއި ނަރުދަމާ ގެއާއި ހިސާބުގައި


އަސާސީ ގިނަ ޙިދުމަތްތަކުން މަޙްރޫމްވެފައިވަނިކޮށް ސަރުކާރުން މިވަނީ ބ.އަތޮޅުގައި ފެންނާ ނަރުދަމާ ނެތް ރަށްރަށުގައި މި މަސައްކަތްވެސް ފަށާފައެވެ. މި މަސައްކަތުގެ ދަށުން ހިތާދޫއާއި ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ. 32.6 މިލިއަންރުފިޔާގެ މި މަސައްކަތް މިއަހަރުގެ ޖޫންމަހަށް ނިންމާއި ރައްޔިތުންނަށް އޭގެ ބޭނުން ހިފޭނެކަމުގެ ސިގްނަލަތައް މިހާރުވެސް އަންނަނީ ފެންނަމުންނެވެ.

ފެނާ ނަރުދަމާ ފެށުމަށް ތައްޔާރުވަމުންދާ ރަށްރަށަށްް ބަލާއިރު، ދަރަވަންދޫ ނަރުދަމާގެ މަސައްކަތާއި ކެންދޫ ފެނާ ނަރުދަމާގެ މަސައްކަތުގެ ސާވޭ މަސައްކަތް ނިމި މިހާރު އަންނަނީ އީއައިއޭ ހެދުމުގެ މަސައްކަތްކުރަމުންނެވެ. ބ.ދަރަވަންދޫ ފެނުގެ މަސައްކަތް ނިންމާ ނަރުދަމާގެ މަސައްކަތް ފެށުމަށް މިވަނީ ތައްޔާރުވެފައެވެ. ކޯވިޑާއި ގުޅިގެން މަސައްކަތަށް ލަސްތަކެއް އައިނަމަވެސް މިއަހަރު އެ މަސައްކަތް ނިންމުމަކީ އެމްޑަބްލިއުއެސްސީގެ އަމާޒެވެ. މާޅޮހުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް ބޭނުންވާ ބޮޑެތި މެޝިނަރީޒާއި އެހެނިހެން ސާމާނު ރަށަށް ގޮސް ޓީމުވަނީ ރަށުގައި ރުކުރުވާލާފައިއެވެ. ކަމަދޫވެސް އޮތީ ހަމަ ލިސްޓުގައެވެ. ޑީޓޭއިލް ޑިޒައިންގެ މަސައްކަތް އޮތީ އެޕްރޫވްކުރުމާއި ހިސާބުގައެވެ.

މީގެ އިތުރުން ރަނގަޅު ފެނާއި ނަރުދާމާގެ ނިޒާމެއް ނެތި ތިބި ފުޅަދޫ ފެހެންދޫއާއި ކިހާދޫގެ އިތުރުން ކުޑަރިކިލުގެ މި މަސައްކަތް މިހާރު އޮތީ ޓެންޑަރކޮށްފައެވެ. މި ތިން ރަށުގައިވެސް މިއަހަރު މަސައްކަތް ފެށިގެންދާނެކަން މިހާރު ވަނީ ޔަޤީންކަމާއި ގާތަށް އާދެވިފައެވެ.

މި އަތޮޅަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ޒަމާނީ މައްސަލަތަކަށްވެސް ހައްލުތައް އަންނަ މަންޒަރުވަނީ ފެންނަށް ފަށާފައެވެ. ތުޅާދޫގައި މީގެ ނުވަވަރަކަށް އަހަރުކުރިން އަޅަން ފެށި 100 ހައުސިން ޔުނިޓްގެ ތެރެއިން 50 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާ ގުރުއަތުން ހޮވުނު ފަރާތްތަކަށް މި ގެތަށް މިވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުން ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާ 75.6 މިލިއަން ރުފިޔާ މި މަސައްކަތްވެސް އެހެރަ ހިނގަނީ ބާރު ސްޕީޑްގައެވެ.

ރަށްގިރުމާއި ސިއްހީ ހިދުމަތަށްވެސް ހައްލު

ރަށްގިރުމުގެ މަސައްލައަކީވެސް އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެވެ. ނާޒުކު ތިމާވެށިތަކެއް ލިބިފައިވާ މު ކުދި ރަށްތަކަށް ހައްލުހޯދުމުގެ މަސައްކަތްވެސް ތަރައްޤީގެ އެހެން މަޝްރޫއުތަކާއި އެއް ސަފެއްގައި އަންނަނީ ހިންގަމުންނެވެ. އެގޮތުން އެއަތޮޅުގެ ދޮންފަނު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 18 މިލިއަން ރުފިޔާ ބަޖެޓްކޮށް އެ އެރަށު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން އެ ދަނީ ކުރަމުންނެވެ. މީގެ އިތުރުން ދަރަވަންދޫ، މާޅޮހުގެ އިތުރުން ކެންދޫގެ މަސައްކަތަށް ގާތްގަޑަކަށް 62 މިލިއަން ރުފިޔާ ބަޖެޓްކޮށް އެ މަސައްކަތް އޮތީ ޕްލޭނިން މަރުހަލާގައެވެ.

ރަށްރަށުގެ ސިއްހީ ދާއިރާ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަށް ބަދަލުކުރުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ. މިކަމަށް ދައުލަތުގެ ބަޖެޓުން ބޮޑު ބައެއް ކަނޑައަޅާފައިވާއިރު ބ އަތޮޅުގެ ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް މިވަނީ ފަށާފައެވެ. މިގޮތުން ބ.އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. ތުޅާދޫ ސިއްޙީމަރުކަޒުގެ ބޮޑުކުރުމަށް އެރަށު ރައްޔިތުން އެދޭތީ އެކަން ބަޖެޓްގައި ހިމަނާ އެކަން އަންނަނީ ކުރަމުންނެވެ. މި ދެ މަޝްރީއަށްވެސް 100 މިލިއަން ރުފިޔާ ޙަރަދުވާނެކަމަށް ލަފާ ކުރެވެއެވެ.

ވެރިކަން ރަށް އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށި އެ މަސައްކަތް މިހާރު އޮތީ ނިމޭ ހިސާބުގައެވެ. އަންނަ މަހުގެ އެ މަސައްކަތް ނިންމާ ރަށު ރައްޔިތުންނަށް އެ މަގުތަކުގައި ދުއްވާލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ކޮންޓެކްޓަރ އެމްޓީސީސީން ދެކެއެވެ.

އާބާދީގެ އަދަދަށް ބެލުމެއްނެތި ބ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ރައްޔިތުން އެދޭ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން އެބައާދެއެވެ. މި މަސައްކަތްތަކަށް 598.5 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭއިރު މި އަދަދުންވެސް ކުދި އާބާތީތަކަށް ސަރުކާރުން ދެއްވާ ސަމާލުކަން ހާމަވައެވެ.

ހާލަތު

ތާރީޚްގައިވެސް މިހާ ގިނަ ޕްރޮޖެކްޓް ބ. ޢަތޮޅުގައި ހިންގާފަނެތް. ޢެންމެ އަގުބޮޑު ރިސޯޓުތައް އޮތް ބ. އަތޮޅުގައި މިހާގިނަ މަޝްރޫޢު ހިންގަވާތީ ސަރުކާރަށް ޝުކުރު ދަންނަވަން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ