ޚަބަރު

ކޯވިޑް-19 : 25 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި


ކޯވިޑް 19އިގެ ވެކްސިން 25 އަހަރުން މަތީގެ މީހުންނަށް ދޭން ފަށައިފިއެވެ. އެޗްޕީއޭއިންވަނީ ވެކްސިންދޭން ފަށާފައިވާ އުމުރުފުރާތަކުގެ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކުރައްވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ 25އަހަރުން މަތީގެ އެންމެނަށްވެސް މިހާރު ވެކްސިން ޖެހޭނެކަމަށެވެ. ނަމަވެސް މިވަގުތު މިއުމުރުފުރާގެ މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން ހަމަޖައްސާފައިވަނީ މާލޭ ސަރަޙައްދުގައި އެކަނި ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ. އަތޮޅުތަކުގައި މިވަގުތު ވެކްސިން ދެމުންދަނީ ސިއްޙީ ދާއިރާއާ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި، އަދި 60 އަހަރުން މަތީގެ މީހުންނާއި ހައިރިސްކް މީހުންނަށެވެ.

އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަޙައްދުގައި 25 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިން ނަމަވެސް، އުމުރުން 18އަހަރާ 25އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާކުރާ މީހުންނަށްވެސް ވެކްސިން ޖެހެނޭކަމަށެވެ. އަދި އެނދުމަތިވެފައިވާ މީހުން ބެލެހެއްޓުމުގައި މަސައްކަތްކުރާ މީހުންނަށްވެސް ވެކްސިން ޖެހޭގޮތަށްވަނީ ހުޅުވާލާފައެވެ.

މާލޭ ސަރަޙައްދުގައި ވެކްސިންދޭ ތަންތަނާ ގަޑިތަކަށް ބަލާއިރު ސޯޝަލް ސެންޓަރާ އިސްލާމީ މަރުކަޒާ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި ހެނދުނު 09:00އިން ފެށިގެން 16:30އަށް ވެކްސިން ދިނުން ކުރިއަށްދާނެއެވެ. ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕްގައި ވެކްސިން ދެމުންދަނީ ހެނދުނު 09:00އިން 12:00އަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 09:00އިން 13:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެއެވެ.

ރާއްޖޭގައި ޒުވާނުންނަށް ވެކްސިން ދޭން ފަށާފައިވާއިރު، މި އުމުރުފުރާގެ މީހުން ރާއްޖޭގައި ކޯވިޑް19އަށް ޕޮޒިޓިވްވާ މިންވަރު އިތުރެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އުމުރުން 21އަހަރާ 31އަހަރާ ދެމެދުގެ އުމުރުފުރާގެ 4700އަށްވުރެ ގިނަ މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި 31އަހަރާ 40އަހަރާ ދެމެދުގެ 4800އަށްވުރެ ގިނަ މީހުންވެސްވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހާރުގެ ޙާލަތަށް ބަލާއިރުވެސް ޒުވާނުން ޕޮޒިޓިވްވާ އަދަދު މަތިވުމުގެ ކަންބޮޑުވުން ޑޮކްޓަރުންވެސް ފާޅުކުރެއެވެ. ކޯވިޑް-19 ބަލި ފެތުރޭ މިންވަރު އިތުރުވެ މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވް ކޭސްގެ އަދަދުވަނީ 19000އިން މައްޗަށް އަރާފައެވެ. ބަލި ކޮންޓްރޯލްކުރުމަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާ އުމުރުފުރާތަކުގެ މީހުން، ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށްދަނީ އިލްތިމާސްކުރައްވަމުންނެވެ.

ކުޑަކުދިންނާ މާބަނޑު މީހުންނާ ދިފާއީ ނިޒާމު ދެރަ މީހުންނަށް ވެކްސިން ޖެހުމުގެ ހުއްދަ މިހާތަނަށް ދީފައެއް ނުވެއެވެ. އެހެންކަމުން މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކާ، ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.