ތަރައްްޤީ

ހައުސިންގ ލޯން ސްކީމަށް ކުރިމަތިލާން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލާނަން: އަސްލަމް


ހައުސިންގ ލޯން ސްކީމަށް ކުރިމަތިލުމަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭންކުރުމަށް ވެރިކަންކުރާ މައި ޕާޓީ، އެމް.ޑީ.ޕީން "ރަށްވެހި ފަތިސް"ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ޕްލޭނިންގ މިނިސްޓަރ ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

"ރަށްވެހި ފަތިސް" ކެމްޕޭން ހަރަކާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހައުސިންގ ލޯން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ. މި ލޯން ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ލޯން ސްކީމެއް ނަމަވެސް، މީގެ ތެރެއިން އަތޮޅުތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެޗް.ޑީ.އެފް.ސީ މެދުވެރިކޮށް މި ސްކީމަށް ކުރިމަތިލުމަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ހައުސިންގ ލޯން ސްކީމެއް އެޗް.ޑީ.އެފް.ސީ މެދުވެރިކޮށް މިއަހަރުގެ ދެވަނަ ކުއަރޓަރގައި ފަށާނަން. ލޯނަށް އެޕްލައިކުރަން ހުޅުވާލާނަން އިރާދަކުރެއްވިއްޔާ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަޅުގަނޑުމެން ކުރިއަށްގެންދާ ސްކީމެއް. ޚާއްސަކޮށް އަތޮޅުތަކަށް ހުޅުވާލައިގެން ގެންދާ އެއްޗެއް" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލުހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރުކުރުމުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވަނީ ރާއްޖެއަށް މުހިންމީ ދެކޮޅުޖެހޭ، އަދި ސަރުކާރަށްވެސް އާއްމުންނަށްވެސް މާލީގޮތުން ބުރައަކަށް ނުވާނެ ބޯހިޔާވަހިކަމުގެ ޙައްލެއް ހޯދުންކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ކައުންސިލްތަކަށް ކުރެވޭނެ މުހިންމު ކަންކަން ހުރިކަމަށާ، މިފަދަ ކަންކަމަށް ކުރިމަގުގައި ބާރުއެޅިއްޖެނަމަ އާއްމު ރައްޔިތުންނަށް އޭގެ މަންފާކުރާ މިންވަރު ބޮޑުވާނެކަމަށް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޅ. ނައިފަރާއި، ބ. ތުޅާދޫ، ތ. ތިމަރަފުށި އަދި މ. ކޮޅުފުށީގައި ސަރުކާރުން ހަދާ 400 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެކަމަށާއި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ އިކުއިޓީ ދިނުމަށް ޖާގަދީފައިވެއެވެ. މިއީ ދާއިމީގޮތެއްގައި އަހަރަކު 2000 ހައުސިންގ ޔުނިޓުގެ އިކުއިޓީ ދެވޭނެގޮތަށް ބަޖެޓުކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން 2021 ވަނަ އަހަރު އަލަށް ފަށާ ނޭޝެނަލް ސޯޝަލް ހައުސިންގ މަޝްރޫޢަށް 496.1 މިލިއަން ރުފިޔާ އާންމު ބަޖެޓުން އިކުއިޓީގެ ގޮތުގައި ދިނުމަށް ރާވާފައިވެއެވެ.

މީގެ އިތުރުން އެފޯޑަބަލް ހައުސިންގ ޕްރޮޖެކްޓުގެ ދަށުން 85.0 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައެޅިފައިވެއެވެ. އަދި ހިނގަމުންދާ މ. ކޮޅުފުށި، ބ. ތުޅާދޫ، ޅ. ނައިފަރު، ތ. ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢުތަކަށް ޖުމްލަ 76.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައިވާއިރު، ހދ. ކުޅުދުއްފުށީގައި 105 ހައުސިންގ ޔުނިޓް އެޅުމަށް 10.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.