ޚަބަރު

ހިޔާ ފްލެޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ


ސްމާޓް މީޓަރު ތަޢާރަފުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަމަހުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ ވިދާޅުވީ، ސްޓެލްކޯއިން ފޯރުކޮށްދޭ ޙިދުމަތްތަކަކީ ފަހުގެ ޓެކްނޮލޮޖީތަކާ ރައްޓެހި ޙިދުމަތްތަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ސްމާޓް މީޓަރު ތަޢާރަފުކުރުމަކީވެސް މުހިއްމު ސަމާލުކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ސްމާޓް މީޓަރުގެ ޙިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިން 2019 ވަނަ އަހަރުގެ ތެރޭގައި ފަށާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި ނިޒާމަށް ބޭނުންވާ ކޮމިއުނިކޭޝަން ޗެނަލްތައް ގުޅާލުމުގެ މަސައްކަތްތައްކަމަށެވެ.

މުޣުނީ ވިދާޅުވީ، މާލޭ ސަރަޙައްދުގައި އެންމެ ފުރަތަމަ ސްމާޓް މީޓަރުތައް އިންސްޓޯލްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައިކަމަށެވެ. އެގޮތުން ހިޔާ ޓަވަރުތަކުގެ ހުރިހާ އެޕާޓްމަންޓެއްގައިވެސް ސްމާޓް މީޓަރ ހަރުކުރާނެކަމަށް މުޣުނީ ވިދާޅުވިއެވެ. މި ޙިދުމަތް ތަޢާރަފުކުރުމަށް ތަފާތު 3 ޓެކްނޮލޮޖީއެއް ސްޓެލްކޯއިން ދަނީ ބަލަމުންނެވެ. އަދި މީގެން ކޮންމެ ޓެކްނޮލޮޖީއެއްވެސް ބޭނުންކުރެވޭނެހެން އެކުންފުނިން ވަނީ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށްފައެވެ. މުޣުނީ ވިދާޅުވީ، މާލޭ ސަރަޙައްދެކޭ އެއްފަދައިން އަތޮޅުތަކުގައިވެސް އެކުންފުނިން ޙިދުމަތްދޭ ރަށްރަށަށް ސްމާޓް މީޓަރ ތަޢާރަފުކުރާނެކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ މި ޕްރޮޖެކެޓް ކުރިއަށް މިގެންދަނީ ހިޔާ ފްލެޓްތަކުގައި. އެއާއެއްކޮށް އަޅުގަނޑުމެން މާލޭގައިވެސް އެ އޮޕްޝަންތައް ދޭނަން. އޭގެފަހުން އަޅުގަނޑުމެން ޙިދުމަތްދޭ ރަށްރަށަށްވެސް މި މަޝްރޫޢު ތަޢާރަފުކުރާނަން. ރަށްރަށުގައިވެސް އަޅުގަނޑުމެން މިހާރު މަސައްކަތް ފަށައިފިން އޭގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މަސައްކަތްތައް. މިހާރުވެސް އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ވިސްނުމަކީ މިއަހަރު މާލޭގައި ނިމި، އަންނަ އަހަރު ރަށްރަށުގައިވެސް ސްމާޓް މީޓަރ ބޭނުންވާ ފަރާތްތަކުން އެ ޙިދުމަތް ލިބޭނެ މަގުފަހިކޮށްދިނުން" މުޣުނީ ވިދާޅުވިއެވެ.

ސްމާޓް މީޓަރާއެކު ޚާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ތަޢާރަފުކުރުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

މުޣުނީ ވިދާޅުވީ، މި ޙިދުމަތް ތަޢާރަފުކުރުމުން ކަސްޓަމަރުންނަށް އެމީހުންގެ ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރާއި، ބިލަށް އަރާވަރު ކޮންމެތަނެއްގައި ހުރެގެންވެސް ރިއަލް ޓައިމްކޮށް ބަލާލެވޭނެކަމަށެވެ. އަދި ބިލަށް އެންމެ މަތިން އަރާނެ ޢަދަދެއް ކަނޑައަޅާ، ކަރަންޓް ޔޫސޭޖް އެ ޢަދަދަކާ ގާތްވުމުން ކަސްޓަމަރަށް އެކަން ނޮޓިފައިކޮށްދިނުމާއި، ބޭނުންވާ ވަރަށްވުރެ އިތުރަށް އަރާފައިވާނަމަ ޙިދުމަތް މެދުކަނޑާލަން އެދުންފަދަ ލުއިފަސޭހަތައް ކަސްޓަމަރުންނަށް މި ޙިދުމަތާއެކު ލިބިގެންދާނެކަމަށް މުޣުނީ ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑުގެ ބިލަށް 1000 ރުފިޔާ އަރަން ބޭނުންވެއްޖެކަމަށްވަންޏާ 900 ރުފިޔާއަށް އެރީމަ އަޅުގަނޑަށް އެލަރޓެއް އަންނަގޮތް ހެދިދާނެ. ނުވަތަ 1000 ރުފިޔާ އެރީމާ ކެނޑޭގޮތްވެސް ހަދާލެވިދާނެ. މިއީ ވަރަށް ބޮޑު ލުއިފަސޭހައެއްހެން އަޅުގަނޑަށް ހީވަނީ. ކަރަންޓް ބޭނުންކުރެވޭ މިންވަރު ރިއަލް ޓައިމްކޮށް އެނގިގެން ދިއުން. އަދި އެގޮތަކަށް ބަޖެޓްކުރަންވެސް ފަސޭހަވެގެންދާނެ. ރާއްޖޭން ބޭރުގައި ހުރެގެންވެސް އެކަންކަން ބަލާލެވިދާނެ އެ ގޭގައި ކިހާވަރަކަށްތޯ ބޭނުންކުރެވެނީ. އަދި އޮފްކޮށްލަން ބޭނުންވާކަމަށްވަންޏާ އެކަންވެސް ކޮށްލެވޭނެ" މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ، ސްމާޓް މީޓަރުގެ ޙިދުމަތް ތަޢާރަފުކުރުމާއެކު ސްޓެލްކޯގެ މަސައްކަތްތަކަށްވެސް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އެގޮތުން މި ޙިދުމަތް ގިނަ ގޭބިސީތަކަކަށް ތަޢާރަފުކުރެވިއްޖެނަމަ، ކަސްޓަމަރުން އާއްމުކޮށް އެންމެ ގިނައިން ކަރަންޓް ބޭނުންކޮށް އުޅޭ ވަގުތުތަކާއި، ކަރަންޓް ބޭނުންކުރާ މިންވަރު ވަގުތުން ބަލާލެވޭނެކަމަށް މުޣުނީ ވިދާޅުވިއެވެ.